ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 18 މީހަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 246 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

މީގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި 11 ވަނަ ފަންގިފިލާގައި 6 މީހަކަށް ފަރުވާ ދެމުންދާއިރު ޑީއެޗް17 ގައި 2 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި 3 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށްވެސް މަބަރޫކް ވިދާޅުވިއެވެ.

ހުޅުމާޅެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި 10 މީހަކަށް ފަރުވާ ދެމުން އަންނައިރު 2 މީހަކަށް އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ. އެއާއެކު ވެންޓިލޭޓަރުގައި ފަރުވާ ދޭ މީހުންގެ ޖުމްލަ އަދަދު ވަނީ 5 އަށް އަރާފައެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 11،626 މީހަކު އެބަތިއްބެވެ. މިއަދު އެކަނިވެސް ރާއްޖެއިން ވަނީ 1501 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ހަަމައެއާއެކު އިއްޔެވެސް ވަނީ 1091 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި ކޭސްތައް މައްޗަށް ގޮސްފައި ވަނީ މި މަހު ކުރީ ކޮޅު އުޅުނު ބެކްލޮގްއެއްގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި 11،000 އިންމަތިން އެކްޓިވް ކޭސް ރިޕޯޓްކޮށްފައިވާ އިރު އޭގެތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ތިބި ކަމަށް މަބްރޫކް ވިދާލުވިއެވެ. އެ ގޮތުން މިހާތު 290 ކުޑަކުދިންނާއި އުމުރުން ދުވަސްވީ 49 މީހުން އެކްޓިވް ކޭސްގެ ތެރޭގައި އެބަ ތިއްބެވެ.

މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންޓް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު ވެސް މައްޗަށް ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.