މާލޭ ސަރަހައްދުން މިއަދު 1229 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ މިއަދުގެ ޖުމްލަ އަކީ 1501 ކަމަށް އެޗްޕީއޭއިން އިއުލާން ކޮށްފިއެވެ.

އެޗްއީއޯސީން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1229 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 7 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 265 މީހެކެވެ. އެޗްޕީއޭއިން މިގޮތަށް އިއުލާން ކުރި އިރު މިއަދުގެ ޕޮޒިޓިވް އަދަދު 2000 އާ ކައިރި ކުރާކަން "ދަ ޕްރެސް" އަށް ވަނީ އެނގިއެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • މިއަދު ޕޮޒިޓިވްވި އަދަދު: 1501
  • ކޮވިޑް އެކްޓިވް ކޭސް: 11،626
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 257
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 87

މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންޓް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު ވެސް މައްޗަށް ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކޭސްތައް މައްޗަށް ގޮސްފައިވާ އިރު ބެކްލޮގް އެއް އުޅޭ ކަަމަށް އެޗްއީއޯސީން ބުނެއެވެ. އެހެންކަމުން ވޭތުވެދިޔަ 24 ގަޑިއިރު ވަނީ 6208 ސާމްޕަލްއެއް ަނގާފައި ކަމަށާއި އެ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 662 މީހުން ކަމަށް އެ ސެންޓަރުން ބުނެއެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:

  • މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 9 - 1091 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 7 - 766 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 6 - 703 ޕޮޒިޓިވް ކޭސް، 5 މަރު
  • މެއި 5 - 734 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 2 - 508 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 1 - 402 ޕޮޒިޓިވް ކޭސް، 1 މަރު

މި މަހު ޖުމްލަ 8685 މީހަކަށް ކޮވިޑް ޖެހިފައި ވާއިރު 14 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. ހޮސްޕިޓަލުގައި 247 މީހަކަށް ބަލި ޖެހިގެން ފަރުވާދެމުން އަންނަ އިރު ބަލީގައި ސީރިއަސް ވެ އައިސީޔޫގައި 18 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. އޭގެތެރެއިން 5 މީހަކު މިހާރު އޮތީ ވެންޓިލޭޓަރު ގައެވެ.

އެޗްޕީއޭއިން މިހާރު ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް އެންގުން ހިމެނެއެވެ.

އަދި މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމާއި އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ވަނީ ނިންމާފައެވެ.