އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލަކީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ، މިއަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާއިން ފާސްކޮށްފައި ވާ ބިލެކެވެ. މި ބިލަށް ގެނައި އިސްލާހާ އެކު، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ހަރަދު ކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައި ވާ މިންވަރަށް ވުރެ އެ ހާލަތުގައި ކުރަންޖެހޭ ހަރަދު އިތުރުވާ ނަމަ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، އެ އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަޔާންކޮށްފައި ވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަ ކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ.
ހަމައެއާއެކު، އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހާ ހަރަދުގެ ތަފްސީލާއި، ކުރިއަށް އޮތް ދެ މަސްދުވަހު ހަރަދުވާނެ ކަމަށް ލަފާ ކުރާ މިންވަރުގެ ތަފްސީލު، ކޮންމެ ދެ މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ. އަދި އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތް އޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ހާލަތާ ގުޅިގެން ކުރި އެންމެހައި ހަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލްއަށް ހުށަހެޅުމަށް ވެސް މި ބިލުގައި ހިމަނާފައި ވެއެވެ.
މީގެ އިތުރުން މި ގާނޫނުގައި ބަޔާންކޮށްފައި ވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހާ ތަފްސީލާއި ރިޕޯޓު، އާންމުންނަށް ލުއިފަސޭހަ ކަމާއެކު ލިބޭނެ ގޮތަށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމަށް ވަނީ މި ބިލުގައި ކަނޑައަޅުއްވާފައެވެ. އަދި މި ގާނޫނޫ ހަރުދަނާ ކުރުމަށް ވެސ ވަނީ އިސްލާހުތަކެއް ހުށަހަޅާފަައެވެ.
މި ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރެއްވުމާ އެކު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. އަދި، މިއަދުން ފެށިގެން މި ގާނޫނަށް ވަނީ އަމަލު ކުރަން ފަށާފައެވެ.