ހަލުވިކަމާ އެކު ރާއްޖޭގައި ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ނާދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. މި ފިޔަވަޅަށް އަމަލު ކުރަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން އެޗްޕީއޭއިން އަންނަނީ އަނެއްކާ ވެސް ކޮވިޑް ފެތުރުން ހުއްޓުވުމަށް އެކި ފިޔަވަޅުތައް އަޅަމުންނެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް އަދިވެސް ކޭސްތައް ރިޕޯޓްކުރާ މިންވަރު ދަށަކަށް ނުދެއެވެ.

އިއްޔެ ކޭސްތަކުގެ އަދަދު 1204 އަށް އަރާފައި އޮްތް އިރު އޭގެ ކުރީ ދުވަހު ކޭސްތަކުގެ އަދަދު އުޅުނީ 1091 ގައެވެ. ހާހުން މަތިން ޕޮޒިޓިވް ކޭސް އަންނަމުންދާ އިރު މި މަސް ތެރޭ މި ބަލީގައި މަރުވި މީހުންގެ އަދަދުތައް ވެސް ވަނީ ރެކޯޑް އަދަދަކަށް ވެފައެވެ. އެގޮތުން މިއަދާ ހަމައަށް މި މަހު 14 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ދެކުނު އޭޝިއާ ގައުމުތަކުން ފަތުރުވެރިން އައުން ހުއްޓުވަން ނިންމާފައިވާ އިރު އިންޑިއާ އަދި ސްރީލަންކާގައި ކޮވިޑް ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން އިއްޔެ ވަނީ 2500 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައެވެ. އަދި މި ބަލީގައި އިއްޔެ އެ ގައުމުން 26 މީހަކު މަރުވި ކަމަށްވެސް ހަބަރު ލިބެއެވެ. އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު އާންމު ކޮށްފައި ވާ މައުލޫމާތަށް ބަލާ އިރު، އަލަށް ޕޮޒިޓިވްވީ ކަމަށް ރިޕޯޓް ކޮށްފައި ވަނީ، 329942 ކޭހެވެ. އަދި މަރުގެ އާ ކޭސްތަކެއްގެ ގޮތުގައި 3876 ކޭހެއް ރިޕޯޓް ކޮށްފައި ވެއެވެ.