ސާކުގެ ގައުމުތަކުން ރާއްޖެ އައުން ހުއްޓުވާލުމަށް ކެޕިޓަލް ޓްރެވަލް އެންޑް ޓުއާސްގެ ސީއީއޯ ޔޫސުފް ރިއްފަތު (ކެޕިޓަލް ރިއްފަތު) ވިދާޅުވެއްޖެއެވެ.

ރިއްފަތު އެހެން ވިދާޅުވީ ސާކުގެ ގައުމުތަކުގައި ކޮވިޑްގެ ބަލިމަޑުކަން ބޮޑުވެފައި ވާތީ އެ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުން ހުއްޓުވާލަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ބަލި ފެތުރޭ މިންވަރު މަދުކުރުމަށްޓަކައި އެ ގައުމުތަކުން ރާއްޖެއަށް ދަތުރު ކުރުން ހުއްޓުވަން ޖެހޭނެ ކަމަށް ވެސް ރިއްފަތު ވަނީ ބުނެފައެވެ.

ސާކުގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު މިހާރު އެންމެ ގޯސްވެފައި ވަނީ އިންޑިއާގައެވެ. އެގައުމުގައި ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު ކޮވިޑް ޖެހިގެން މަރުވެއެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ރާއްޖޭގައި އެޗްޕީއޭއިން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އިންޑިއާއިން އަންނަ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރެވޭނީ ހަމައެކަނި ރިސޯޓުތަކުގައި ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވީ ނަމަވެސް ރާއްޖެއާއި އިންޑިއާ އާ ދެމެދު ދަތުރުކުރުން ހުއްޓާލާފައެއް ނުވެއެވެ.

އިންޑިއާގެ އިތުރުން ސްރީލަންކާގަވެސް ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިއްޔެ އެކަނިވެސް އެ ގައުމުން 29 މީހުން އެ ބަލީގައި މަރުވެ 2500 އަށްވުރެ ގިނަމީހުން ޕޮޒިޓިވްވެފައި ވެއެވެ. ލަންކާގެ ހާލަތު ގޯސްވާން ފެށުމުން އެ ގައުމުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ޕްރޮވިންސްތަކުގެ ދެމެދުގައި ކުރާ ދަތުރުތައް ހުއްޓާލުމާ، ހުރިހާ އެއްވުންތަކާ ބައްދަލުވުންތައް ކެންސަލް ކުރުމާ، ވިޔަފާރި ކުރާ ތަންތަނުގައި އެއް ވަގުތެއްގައި އެންމެ ގިނަ ވަގެން ތިބެވޭނެ މީހުންގެ އަދަދު ލިމިޓް ކުރުމާ އަދި އިންފެކްޓް ވެފައިވާ މީހުން ގިނަ ސަރަހައްދުތައް އައިސޮލޭޓް ކުރުން ހިމެނެއެވެ.

ސާކްގެ ގައުމުތަކުން ފަތުރުވެރިންނަށް ރާއްޖެ އާދެވޭއިރު ވޯކް ޕާމިޓް އޮންނަ މީހުންނަށް ރާއްޖެ ނާދެވެ ގޮތަށް ވަނީ ހަދާފައެވެ. އަދި އެކަން އެހެން ކޮށްފައި، ފަތުރުވެރިންނަށް އާދެވޭ ގޮތަށް އޮތުމުން، ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މީހުންވަނީ އެކަމާ ކަންބޮޑުވުން ފާލުކޮށްފައެވެ.

ލަންކާއާއި އިންޑިއާގެ އިތުރުން ދިވެހިރާއްޖޭގައި ވެސް ކޮވިޑްގެ ހާލަތު ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުންނެވެ. އެގޮތުން އިއްޔެ ވަނީ ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ އެކަނި ރާއްޖެއިން 1204 މީހުން ޕޮޒިޓިވްވެ އެކްޓިވް ކޭސްގެ އަދަދު ވަނީ 10،000 އިން މައްޗަށް އަރާފައެވެ. ކޮވިޑް ކޭސްތައް ރާއްޖޭގައި މައްޗަށް ދާން ފެށުމުން މާދަމާއިން ފެށިގެން ހަވީރު 4 އިން ފަތިހު 4 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. އަދި ކާބޯތަކެތި ވިއްކާ ތަންތާނގެ އެތެރޭގައި ތިބެގެން ކެއުން ބުއިން ވަނީ މަނާ ކޮށްފައެވެ. އޭގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ކުރުންވެސް ވަނީ މަނާކޮށްފައެވެ.