މުނިފޫހިފިލުވުމުގެ ދާއިރާގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ ގޯލްޑަން ގްލޯބްސްގެ އެވޯޑް ކޮމިޓީގައި ސިންދަފާތުކަން ނުވަތަ ޑައިވާސިޓީ ކުޑަ ކަމަށް ބުނެ، ކުރިއަށް އޮތް 2022 ވަނަ އަހަރުގެ ގޯލްޑަން ގްލޯބްސް އެވޯޑް ހަފުލާ ބްރޯޑްކާސްޓް ނުކުރުމަށް، އެމެރިކާގެ ޓީވީ ނެޓްވޯކް، އެންބީސީއިން ނިންމައިފިއެވެ.

ގޯލްޑަން ގްލޯބްސް އެވޯޑް ކޮމިޓީގައި ސިންދަފާތުކަން ކުޑަ ކަމުގެ ޝަކުވާ ފެންމަތިކޮށް، އެކަމާ ދެކޮޅަށް އެންމެ އިސްކޮށް ވަކާލާތު ކުރަމުން ދަނީ ހޮލީވުޑްގެ ތަޖުރިބާކާރުން ބަތޮލް، ޓޮމް ކުރޫޒްއެވެ. މިކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ޓޮމް ކުރޫޒް ވަނީ، "ޖެރީ މެކްގުއާ"، "މެގްނޯލިއާ" އަދި "ބޯން އޮން ދަ ފޯތު ޖުލައި" އިން އޭނާއަށް ލިބިފައިވާ 3 ގޯލްޑަން ގްލޯބް އެވޯޑެއް، އަނބުރާ ހަވާލުކޮށްފައެވެ.

ގޯލްޑަން ގްލޯބްސް އެވޯޑް ކޮމިޓީގައި ސިންދަފާތުކަން ކުޑަ ކަމަށް ބުނަނީ، އެ ކޮމިޓީގައި ކަޅުނަސްލުގެ މީހުން މަދުކަމުންނެވެ. ކަން މިހެން އޮތް އިރު، ހޮލީވުޑް ފޮރިން ޕްރެސް އެސޯސިއޭޝަން (އެޗްއެފްޕީއޭ) އިން ވަނީ، ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި، އިތުރު ކަޅު މެންބަރުން، އެ ޕެނަލްގައި ހިމެނުމަށް ގޯލްޑަން ގްލޯބްސް އެވޯޑް ކޮމިޓީއިން އެއްބަސްވެފައި ވާ ކަން ހާމަކޮށްފައެވެ.

އެންބީސީއިން ވަނީ، މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް، އިސްލާހީ ބަދަލުތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވިލަރެސް ކުރުމަށް، އަދި ކަންކަން މަޑުޖައްސާލާފައި ބޭއްވުމަށް ވިސްނާފައި ވާ ކަމަށް އެންބީސީއިން ބުނެއެވެ.

ނަސްލީ ތަފާތު ކުރުންތަކާ، ޖިންސީ މައްސަލަތަކާ، ބުލީ ކުރުމާ، ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތުތަކަކީ، އެޗްއެފްޕީއޭއަށް އަމާޒުވެފައިވާ ބޮޑެތި އިލްޒާމްތަކެކެވެ. މީގެ އިތުރުން، ސެލެބްރިޓީންނާ ސްޓޫޑިއޯތަކާ މެދު ގާތްކަމެއް ގެންގުޅުމުގެ ތުހުމަތުތައްވެސް ވަނީ ފެންމަތިވެފައެވެ.

އެންބީސީއިން ބުނީ، އިސްލާހީ ބަދަލުތައް ތަންފީޒުކޮށް، ވާ ގޮތެއް ބެލުމަށްފަހު، 2023 ވަނަ އަހަރުގެ ޝޯ، ބްރޯޑްކާސްޓް ކުރެވޭނެ ކަމުގެ އުއްމީދުގައި އެ ކޯޕަރޭޝަނުން އޮތް ކަމަށެވެ.