މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން ފެންމަތިވާ ކޮންމެ ވާހަކައަކުންވެސް ހައިރާންކަން ގެނުވައޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ކޮވިޑް-19ގެ ބަލިމަޑުކަމަށް ނިމުން އައިސްދާނެ ކަމުގެ ފެނި ސިގުނަލް ދިން ވެކްސިން ކެމްޕޭންތަކާއެކު އުފެދެން ފެށި ސުވާލަކީ، ބަލިން ދިފާއު ހޯދާ އަޑަނަ އަތަށް އަރާނީ، ކިތަށް ޑޯޒް ޖަހައިގެންތޯ ކުރެވުނު ސުވާލެވެ.

މި ސުވާލަށް ދޭނެ ސާބިތު ޖަވާބެއް އަދިވެސް ސައެންސްވެރިންނަކަށް ނުހޯދެއެވެ. މިފަދަ ހާލެއްގައި ދުނިޔެ ވަނިކޮށް، ސިހުން ގެނުވި އެއް ހަބަރު ފެންމަތިވީ އިޓަލީވިލާތުންނެވެ. އެއީ އިޓަލީވިލާތުގެ އަންހެނަކު، ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ/ބައޮއެންޓުން ތަރައްގީ ކުރި ވެކްސިންގެ 6 ޑޯޒް ޖެހި ހަބަރެވެ. ފައިޒާ ވެކްސިން ފަރުމާ ކޮށްފައި ވަނީ 2 ޑޯޒްގެ މައްޗަށް ކަމުގައި ވީ ނަމަވެސް އެމީހާ 6 ޑޯޒް "ފުރިހަމަ" ކޮށްފައެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިން ހުސްކުރި ފުޅިތަކެއް / ފޮޓޯ: އޭއެފްޕީ

ކޮވިޑް-19ގެ ދިފާއި އައްޑަނަ މިލްކުވަނީ ކިތަށް ޑޯޒުންތޯ ކުރެވޭ ސުވާލު ޖަވާބު ދިރާސާ ކުރަން، 23 އަހަރުގެ މި ޒުވާނާއަކީ އެންމެ އެކަށީގެންވާ ކެންޑިޑޭޓް ކަމުގައިވެސް ބުނެވިދާނެއެވެ. މި ޒުވާނާ، 6 ޑޯޒް ޖެހީވެސް އެއް ފަހަރާއެވެ.

އެއް ފަހަރާ 6 ޑޯޒް ޖެހީ ކިހިނެއް؟

މިކަމެއް ހިނގީ، ނަރުހަކަށް އެރި "އޮޅުމަކުން" ކަމަށް ބުނެވެއެވެ. އޮޅުން އެރި ނަރުސް މީހާ، އެއް ޑޯޒްގެ ބަދަލުގައި، 23 އަހަރުގެ ޒުވާނާގެ ހަށިގަނޑަށް ޖެހީ 1 ވައެލްގެ ވެކްސިނެވެ. ފައިޒާގެ ކޮންމެ ވައެލްއަކީ 6 ޑޯޒްގެ ވެކްސިނެވެ. މިފަދަ ގޮތަކަށް ވެކްސިން އޯވާޑޯޒް ވީ ކަމުގެ އެއްވެސް ރިޕޯޓެއް، މިހާތަނަށް ދުނިޔޭގެ އެއްވެސް ހިސާބަކުން ކޮށްފައެއް ނެތެވެ. އެންމެ ގިނަވެގެންވެސް ޖެހިފައި އޮތީ ފައިޒާގެ 4 ޑޯޒްއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާ ކުންފުނިން ތަރައްގީ ކޮށްފައިވާ ވެކްސިން / ފޮޓޯ: ޖަސްޓިން ޓެލީޒް

ފައިޒާ ވެކްސިން އޯވާޑޯޒް ވުމުގެ ރިޕޯޓްތައް ދުނިޔޭގެ އެކި ހިސާބުތަކުން ކޮށްފައި އެބަހުއްޓެވެ. އޭގެ ތެރޭގައި އިސްރާއީލު، އޮސްޓްރޭލިއާ، އެމެރިކާ އަދި ސިއްހީ ގޮތުން އެންމެ ކުރިއަރާފައި ވާކަމަށް އެންމެ ގިނަ ބަޔަކު އިއްތިފާގުވާ ޖަރުމަނުވިލާތްވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން ފައިޒާ ކުންފުނިން އަދި ވަކި އެއްޗެއް ބުނެފައެއް ނެތެވެ. ނަމަވެސް، ސިންގަޕޫރުގައި ފައިޒާ ވެކްސިން އުފައްދަން އުޅޭ ކަމުގެ ހަބަރުތައް ލިބެމުންނެވެ. މިއާއެކު، އިރުމަތީ އޭޝިއާގެ ގައުމުތަކަށް ފައިޒާ ވެކްސިން ތިޔާގިވެ، ވެކްސިންގެ ކާމިޔާބީއާ މެދު އިތުރަށް ފުރިހަމަ ނަތީޖާތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ފައިޒާއިން ތަރައްގީ ކުރި ވެކްސިން ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ޑަބްލިއުއެސްޖޭ

އެއްފަހަރާ 6 ޑޯޒްގެ ފައިޒާގެ ވެކްސިން ޖެހި ޒުވާނާއަށް، ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ޖަހާފައި ނުވާހާ ގިނަ އަދަދަކަށް އެނާ ވެކްސިން ޖަހާފައި އޮތުމުން، އޭނާގެ ސިއްހީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް، ބޭސްފަރުވާގެ އެހީތެރިކަން ދީފައިވެއެވެ.

ފައިޒާ ވެކްސިނަކީ ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ބޭނުން ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން، ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިން އެންމެ ފުރަތަމަ ރުހުން ދިން ވެކްސިނެވެ.

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ / ފޮޓޯ: ބިޒްނަސް ސްޓޭންޑަޑްސް

ފުރަތަމަ ޑޯޒްއަށްފަހު 3 ހަފުތަ މަޑުކޮށް، 2 ވަނަ ޑޯޒް ޖަހައިގެން ވެކްސިން ފުރިހަމަ ކުރާ ގޮތަށް ފަރުމާކޮށްފައިވާ ފައިޒާގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 95 ޕަސެންޓް ދިފާއު ހޯދާދޭ ކާމިޔާބު ވެކްސިނެއް ކަމަށް އިއުލާން ކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ. ފައިޒާއާއި ބައޮއެންޓެކް ކުންފުނިން ތަރައްގީ ކުރި ވެކްސިން ރައްކާ ކުރަން ޖެހެނީ މައިނަސް 75 ޑިގްރީ ސެލްސިއަސްގައި ކަމަށް ވާއިރު، ވެކްސިން ރައްކާ ކުރެވޭ މުއްދަތަކީ 5 ދުވަހެވެ.