ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވް ވި ޖުމްލަ އަކީ 1204 ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 5598 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، މިއަދު 1204 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 961 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 8 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 235 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • މިއަދު ޕޮޒިޓިވްވި އަދަދު: 1204
  • ކޮވިޑް އެކްޓިވް ކޭސް: 10،376
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 244
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 87
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 37،019
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 26،547

މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންޓް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު ވެސް މައްޗަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަހު ޖުމްލަ 14 މީހުން މި ބަލީގައި މަރުވެފައި ވާއިރު މިދިޔަ 2 4ގަޑިއިރުގެ ތެރޭގައި ވަނީ 3 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު ފަތިހި ހަތަރެއް ޖަހާ ކަންހާއިރެވެ. ކޮވިޑްގައި ދެވަނަ އަށް މަރުވެފައި ވަނީ ބ. އޭދަފުށީގެ މީހެކެވެ. އެއީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މި އަހަރުގެ 36 ވަނަ ކޮވިޑް މަރެވެ.

ވޭތުވެ ދިޔަ 10 ދުވަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:

  • މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 9 - 1091 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 7 - 766 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 6 - 703 ޕޮޒިޓިވް ކޭސް، 5 މަރު
  • މެއި 5 - 734 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 2 - 508 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 1 - 402 ޕޮޒިޓިވް ކޭސް، 1 މަރު
  • އޭޕްރިލް 30 - 465 ޕޮޒިޓިވް ކޭސް، 0 މަރު

ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.

އެގޮތުން މިހާރު އެޗްޕީއޭއިން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެ ގޮތުން މާލެ ފިޔަވާ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު މާލެ ސަރަަހައްދުގައި ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ވަގުތެއްގެ ގޮތުގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ހަމަޖައްސާ އެވަގުތު ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް ވަނީ އަންގާފައެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގައި ވެސް ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން ދެއެވެ. އެގޮތުން މިވަގުތުވެސް ޖުމްލަ 30 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އޭގެތެރެއިން 5 ރަށެއްގައި ވަނީ ހަވީރު 4 އިން ފަތިހު 4 އަކަށް ކާފިއު ވެސް ހިންގާފައެވެ.

ރާއްޖޭގައި ފުރަތަމަ ކޮވިޑް ކޭސް އެއް ފެނިފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ.