އޭއެފްސީ ކަޕް ކުޅުމަށް ރާއްޖެއަށް އައި އިންޑިއާގެ ފުޓްބޯޅަ ޓީމް ނުފުރާ ރަށުތެޜޭގައި އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ޓީމް ވަނީ ރާއްޖެއިން ފުރާފައި ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވީ، އޭއެފްސީ ކަޕް ކުޅެން ރާއްޖެއަށް އައި އިންޑިއާ ޓީމް ހުޅުމާލެ ބީޗް ސަރަހއްދުގައި އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯއާ ގުޅިގެންނެވެ. މަހްލޫފް ވިދާޅުވީ އެ ފޮޓޯއަކީ އެ ޓީމް ރާއްޖެއިން ފުރައިގެން ދިޔަ އިރު އެ ފްލައިޓް ވައިގެތެރޭގައި ވަނިކޮށް ނަގާފައިވާ ފޮޓޯއެއް ކަމަށެވެ. ހަމައެއާއެކު ސޯޓާއި ޓީޝާޓް ލައިގެން އުޅޭ އެންމެންނަކީ އިންޑިއާ ޓީމްގެ މީހުން ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޔޫތް މިނިސްޓްރީން ބުނީ އިންޑިއާ ޓީމް ރާއްޖެއިން ފުރާފައި ވަނީ މިއަދު ހަވީރު 5:05 ގައި އިންޑިގޯ އިން ބެންގަލޫރަށް ފުރި ފްލައިޓުގައި ކަމަށެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ، ރާއްޖޭގައި އޭއެފްސީ ކަޕްގެ އެއްވެސް މެޗެއް ނުކުޅޭނެ ކަމަށް ވަނީ އަންގާފައި ކަމަށާއި އަދި ގްރޫޕް ޑީ ގެ މެޗްތައް ވަނީ ފަސްކޮށްފައި ކަމަށެވެ.

ރާއްޖެ އައި އިންޑިއާގެ ޓީމުގެ ކުޅުންތެރިން މިދިޔަ ހޮނިހިރު ދުވަހު ހަވީރު މަގުމަތީގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވަނީ އާންމުވެފައެވެ. މިކަމާ ގުޅިގެން މަހްލޫފް ވަނީ އެ ޓީމު އެޗްޕީއޭގެ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށާއި އެ ޓީމު ޖެހޭނީ ވަގުތުން ރާއްޖޭން ފުރައިގެން ދާން ކަމަށެވެ. އަދި އެ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ފެނުނު އެ އަމަލަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އޭއެފްސީ ކަޕްގެ މެޗްތައް ނުކުޅުމަށް ނިންމީ މި ވަގުތު ރާއްޖޭގައި ކޮވިޑް ބަލި ފެތުރެމުން ދާތީ އެކަމާ ގުޅިިގެން އާންމުން ކަންބޮޑުވުން ފާލުކުރަމުން ދާތީއެވެ. އިއްޔެ ވެސް ރާއްޖޭގައި ވަނީ 1091 މީހަކު ކޮވިޑް ޕޮޒިޓިވް ވެފައެވެ.