ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ބަލީގައި އެނދުމަތިކުރާ މީހުން އިތުރުވެ ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ސިއްހީ އެހީތެރިން ހޯދަން ބޭނުންވާ ކަމަށް އައިޖީއެމްއެޗްގެ އެތެރަހަށީގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާލެ ފެސިލިޓީގައި މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށާއި އެ މީހުންގެ މަސައްކަތް ފަސޭހަ ކޮށްދިނުމަށް އާންމުންނަށް އެހީ ވެވޭނެ ކަމަށެވެ.

އެގޮތުން ހެލްތް ވޯކަރުންނާއި، ރަޖިސްޓާޑް ނަރުހުންނާއި ނަރުސްކަން ކިޔަވަމުންދާ ދަރިވަރުންނާއި ކެއާ ވޯކާސް (ބަލިމީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަށް) ޑޮކްޓަރުން ބޭނުންވާ ކަމަށް ޑރ. މުހައްމަދު ވިދާޅުވިއެވެ. އެހީ ތެރިކަން ފޯރުކޮށްދޭނެ ބޭނުންވާ ފަރާތްތަކުން ގުޅުމަށް ނުވަތަ މެސެޖެއް ކުރުމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޑރ.މުހައްމަދު ވިދާޅުވީ ކޮވިޑަށް ޕޮޒިޓީވްވާ މީހުންގެ އަދަދު ގިނަ ނަމަވެސް އުއްމީދު ކަނޑާނުލުމަށާއި މިއީ ފަހަތަށް ޖެހުމުގެ ބަދަލުގައި ބައްޔާއި ދެކޮޅަށް ވަރުގަދަ އަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެގޮތުން އެކަކު އަނެކެއްގެ ހާލު ބަލައި، ބަލީގެ އަލާމަތްތަކެއް ހުރި ނަމަ ފަރުވާ ހޯދުމަށް މުހައްމަދު އިލްތިމާސްކުރެއްވިއެވެ. އަދި ބިރުގަނެ ކަންބޮޑުނުވުމަށް ވެސް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުބަމުންދާއިރު އިއްޔެ ވަނީ އަދަދު 1091 އަށް އަރާފައެވެ. އެއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 35،815 އަށް އަރާފައެވެ. އަދި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 9423 އަށް އަރާފައެވެ. މި ބަލިން 26،299 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވަނީ 250 އަށް އަރާފައެވެ. މި ބަލީގައި 85 މީހަކު ވަނީ ނިޔާވެފައެވެ.