އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނަކީ، އެ ގައުމުގައި އުފެދިފައިވާ ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ފެތުރޭ ވޭރިއަންޓްއަކަށް ވެފާ، އެ ވޭރިއަންޓްއަކީ، ވެކްސިނުން ލިއްބައިދޭ އައްޑަނަ ފޫ އަޅުވަނިވި ވޭރިއަންޓަކަށްވުން ކަމުގައި ވެދާނެ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޗީފް ސައެންޓިސްޓް ވިދާޅުވެއްޖެއެވެ.

އޭއެފްޕީއަށް ދެއްވި ބަސްދީގަތުމެއްގައި، ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސްޓް، ސްމޯޔާ ސްވާމިނޭތަން ވަނީ، އިންޑިއާގައި މިހާރު ބަލިމަޑުކަން ފެތުރެމުން ދާ ގޮތަށް ބަލާއިރު، މިކަމުގެ ފަހަތުގައި އޮތީ، އިންތިހާ ހަލުވިމިނުގައި ފެތުރޭ ވޭރިއަންޓެއް ކަމަށް އިޝާރާތް ކުރާ ކަމުގެ އިންޒާރު ދެއްވަފައެވެ.

އިންޑިއާއަށް ނިސްބަތްވެވަޑައިގަންނަވާ ކުޑަކުދިންގެ ޑޮކްޓަރު އަދި ކްލިނިކަލް ސައެންޓިސްޓް، ސްވާމިނޭތަން ވިދާޅުވީ އިންޑިއާ ވޭރިއަންޓް ނުވަތަ B.1.617 އަކީ، މިހާރު އިންޑިއާއަށް ކުރިމަތިލާން ޖެހިފައިވާ ކާރިސާގެ އަސްލެއް ކަން ސާފު ވާ ކަމަށެވެ. އަދި މި ކާރިސާ އިތުރަށް ހައްސާސް ކުރަނިވި އިތުރު އެތައް ކަންތައްތަކެއް އެބަހުރި ކަންވެސް ސްވާމިނޭތަން ވަނީ ފާހަގަ ކުރައްވާފައެވެ.

ސްވާމިނޭތަން ވިދާޅުވީ، B.1.617 ވޭރިއަންޓަކީ، ކަންބޮޑުވާންޖެހޭ ދަރަޖައިގެ ވޭރިއަންޓެއް ކަމަށް، ޑަބްލިއުއެޗްއޯއިންވެސް ވަރަށް އަވަހަށް ކަނޑައެޅުން އެކަށީގެންވާ ކަމަށެވެ. އެހެނީ، މި ވޭރިއަންޓް ފެތުރޭ މިންވަރު އިންތިހާ އަވަސް ވުމާ، ވެކްސިނުން ލިއްބައިދޭ އެންޓިބޮޑީޒް ފޫ އަޅުވާލުމުގެ ބާރު ލިބިފައި ވުމުގެ ފުރުސަތު އޮތަތީ ކަމަށްވެސް އޭނާ ވަނީ ތަފްސީލު ކޮށްދެއްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް، ހުރިހާ ކަމެއް B.1.617 ވޭރިއަންޓާ މަތި ކުރެވެން ނެތް ކަމަށާ، ފާއިތުވީ މަސްތަކުގައި އިންޑިއާގައި ކުރިއަށް ގެންދިޔަ، "މަސްހުނި" ބޮޑެތި އެއްވުންތަކުގެ ދައުރެއް އެބައޮތް ކަންވެސް ޑަބްލިއުއެޗްއޯގެ ސައެންޓިސްޓް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން މިހާތަނަށް 22662410 ސާމްޕަލެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ފާއިތުވީ 7 ދުވަހަށް ބަލާއިރު 2742695 ކޭސް އިންޑިއާއިން ރިޕޯޓް ކޮށްފައި ވާއިރު، މިއީ އޭގެ ކުރީ 7 ދުވަހާ އަޅާ ބަލާއިރު 5 ޕަސެންޓް އިތުރު އަދަދެކެވެ. ފާއިތުވީ 7 ދުވަހުގެ ތެރޭގައި އިންޑިއާއިން ކޮވިޑް ޖެހިގެން 27201 މީހެއްގެ ފުރާމަ ގެއްލުނު ކަމަށް ރެކޯޑް ކޮށްފައި ވާއިރު، މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު، 14 ޕަސެންޓް އިތުރު އަދަދެކެވެ.