ގުދުސްގައި ފަލަސްތީނުގެ ރައްޔިތުން ދިރިއުޅެމުންދާ ގެތަކުން އެ މީހުން ނެރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ހުށަހެޅި ދައުވާގެ އަޑު އެހުން ފަސްކުރަން، އިސްރާއީލުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

މިއަދަށް ތާވަލު ކޮށްފައިވާ ޝަރިއަތް ފަސް ކުރަމުން އިސްރާއީލުގެ ސުޕްރީމް ކޯޓުން ބުނެފައި ވަނީ އަޑުއެހުން ބާއްވާނެ ތާރީހެއް، 30 ދުވަހުގެ ތެރޭގައި ކަނޑައަޅާނެ ކަމަށެވެ.

އިސްރާއީލުގެ ސުޕްރީމް ކޯޓުން ބުނީ އަޑުއެހުން ފަސްކޮށްފައި ވަނީ، ސްޓޭޓް އެޓާނީ ޖެނެރަލްގެ ހުށަހެޅުމަކަށް ކަމަށެވެ.

މި މައްސަލައަކީ، އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގެ ޝައިހް ޖައްރާއޭ ކިއުނު އަވަށުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ އާއިލާތައް އެމީހުންގެ ގެތަކުން ނެރެ، އެ ގެތަކަށް އިސްރާއީލުގެ ޔަހޫދީން ވަޒަންވެރިވުމަށް ހިންގާ މަޝްރޫއާ ގުޅިގެން ފަލަސްތީނުގެ އާއިލާތަކުން ހުށަހެޅި މައްސަލައެކެވެ.

ޝައިހް ޖައްރާގެ ގެތަކަށް އިސްރާއީލުގެ ޔަހޫދީން ވެރިވަމުން ދަނީ، އެކަމަށް ހިތްވަރުދޭ ޖަމިއްޔާއެއް ކަމަށްވާ ނަހަލަތު ޝިމޯންއިން ކުރަމުންދާ ވަކާލާތެއްގެ ސަބަބުންނެވެ. ނަހަލަތު ޝިމޯންއިން ބުނަމުން ދަނީ 1948 ވަނަ އަހަރުގެ ކުރިން، އެ ބިމުގެ ހަގީގީ ވަޒަންވެރިންނަކީ ޔަހޫދީ އާއިލާތަކެއް ކަމަށެވެ. އަދި އެ ބިމުގައި މިހާރު ދިރިއުޅެމުންދާ ފަލަސްތީނުގެ އާއިލާތަކުން އެތަން ދޫކޮށް، އިސްރާއީލުގެ ޔަހޫދީންނަށް އެ ބިން ދޭން ޖެހޭ ކަމަށެވެ. ނަހަލަތު ޝިމޯންއިން ހުއްޖަތުގެ ބާރެއްގެ ގޮތުގައި ބޭނުން ކުރަނީ 1970 ވަނަ އަހަރުގެ ގާނޫނެކެވެ.

ފަލަސްތީނުން ބުނަމުން އިސްރާއީލުގެ މިފަދަ ގާނޫނުތަކަކީ އިންސާފެއް ނެތް ގާނޫނުތަކެއް ކަމަށާ، އެއީ މުދާ މިލްކު ކުރުމަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް އޮތް އެއްޗެއް ނޫން ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ ހައިކޮމިޝަނަރުގެ އޮފީހުންވެސް ބުނީ، މި ގާނޫނު ތަންފީޒުކުރަން ޖެހެނީ ތަފާތު ކުރުން ބޮޑު އުސޫލަކުން ކަމަށެވެ. އަދި އިސްރާއީލުން ވެރިވެގެންފައިވާ ބިންތަކުގައި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރި ކުރުވުމަކީ، އިންސާނިއްޔަތުކަމާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުން މަނާ ކުރާ ކަމަކަށް ވެދާނެ ކަމަށެވެ. އަދި މި ކަމަކީ ހަނގުރާމައިގެ ޖަރީމާއަކަށްވެސް ވެދާނެ ކަމަށެވެ.

ޝައިހް ޖައްރާއިން ފަލަސްތީނުގެ އާއިލާތައް ބޭރު ކުރަމުންދާ މައްސަލާގައި ވަރުގަދަ ކުރިމަތިލުންތަކެއްވެސް ދަނީ ހިންގަމުންނެވެ. މި ކުރިމަތުލުންތަކުގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އެކި ވަރުގެ ޒަހަމްތައް ލިބިފައެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އިސްރާއީލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން ދިވެހި ރާއްޖެއިންވެސް ވަނީ މި ޖަރީމާ ކުށްވެރިކޮށްފައި ކަން ފާހަގަ ކުރަން ޖެހެއެވެ.