މިމަހުގެ 6 ވީ ބުރާސްފަތި ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދިން ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ، މިރޭ ބެއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ގައުމީ މަޖިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވަމުންނެވެ.

ރައީސް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކި މިހާތަނަށް ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށާއި، އެ ހަމަލާގައި ބައިވެރިވާ އެންމެން ވަރަށް އަވަހަށް އިންސާފުގެ ކުރި މައްޗަށް ހާޒިރު ކުރައްވާނެ ކަމަށެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ލިބިވަޑައިގެންނެވި އަނިޔާ އާއި ބޭސްފަރުވާއާ ގުޅޭ ކަންކަމުގެ މައުލޫމާތު ރައީސް ސޯލިހަށް ދެއްވި ކަމަށާއި، އެ ހަމަލާއާ ގުޅޭ ތަހުގީގު ކުރިއަށް ދާ ގޮތުގެ ފުރިހަމަ މައުލޫމާތުވެސް ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އެ ހަމަލާ ދިން އިރު ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތާ ބެހޭ ރިޕޯޓު މިހާރު ލިބިވަޑައިގެންފި ކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކާއި، ޕީޖީއާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ރައްޔިތުންގެ މަޖިލީހުން ދަނީ ތަގީގުގެ އެކިއެކި މަރުހަލާތައް ކުރިއަށް ދާ ގޮތާއި، ނަޝީދަށް ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތްތަކުގެ ފަރާތުން ސެކިއުރިޓީ ބްރީޗެއް އައިތޯވެސް ބަލަމުންނެވެ.

ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހާއާއި ގުޅުންހުރި 2 މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުން، ހަމަލާއާ ގުޅޭ މައިގަނޑު 4 މީހުންގެ ތެރެއިން 3 މީހުން ހައްޔަރު ކުރެވުނު އިރު އެކަކު އަދި ވަނީ ނުފެނިއެވެ.