ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައުލޫމާތު ދުރާލާ ލިބިފައި ނުވާތީ އިންޓެލިޖެންސުގެ އޮޑިޓެއް ހަދަން އަންގަވާފައިވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގަތުމަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހް ވިދާޅުވީ ސެކިއުރިޓީއާ ގުޅޭ އެސެސްމެންޓެއް ހަދަން އާންގަވާފައިވާނެ ކަމަށާއި އިންޓެލިޖެންސްއެއްގެ އޮޑިޓެއް ވެސް ހަދަންވެސް އަންގަވާފައިވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައީސް ނަޝީދަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށާއި އެކަން މިއަދު ދެއްކެވި ވާހަކަތަކުން އެކަން އެނގިގެން ދިޔަ ކަމަށެވެ.

އިންޓެލިޖެންސް ނުލިބުނު މައްސަލައިގެ އޮޑިޓެއް ހަދަން ރައީސް ސޯލިހް އަންގަވާފައިވާއިރު، ހަމަލާ ދިން ދުވަހު ނޫން އަނެއް ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެފަދަ އިންޓެލިޖެންސެއް ލިބިފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްއެންޑީއެފުން ވެސް ބުނެފައި ވަނީ އެފަދަ ކަމެއް ކުރަން އުޅޭ ކަމުގެ ކުޑަ ހިލަމެެއްވެސް ލިބިފައި ނުވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު/ ފޮޓޯ: ޕޮލިސް

ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. އެގޮތުން މިއަދު ހެނދުނު މީހަކު ހައްޔަރު ކޮށްފައި ވާއިރު ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާ ކަމަށެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު "އަތަމާ ޕެލަސް" ކުރިމަތީގައި ހުރި މީހާއެވެ.

އެއީ ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް މީހާގެ ގޮތުގައި މިއަދު ހައްޔަރުކުރީ ވ. ތިނަދޫ، އަށް އުފަން އަހްމަދު އަދުހަމެވެ. އެ ހަމަލާއާ ގުޅިގެން އިއްޔެ ވެސް ވަނީ އިތުރު 2 މީހުން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަ ކޮށްފައެވެ.

ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވިއެވެ.