ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ކުރެއްވި ގިނަ އޮޕަރޭޝަން ތަކަށްފަހު ހާލު ބައްލަވާލެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފިއެވެ.
ރައިސް ނަޝީދުގެ އޮޕަރޭޝަނަށްފަހު ރައިސް ސޯލިހް ހޮސްޕިޓަލަށް ވަޑައިގެންފައި ވާއިރު އެރޭ އެ ހާދިސާ ހިނގިތާ ކުޑަ އިރުކޮޅެއްގެ ތެރޭ ސަލާމަތީ ބާރުތަކުގެ ފުރިހަމަ ހިމާޔަތާ އެކުވެސް، ރައީސް ސޯލިހް އޭޑީކޭ ހޮސްޕިޓަލަށް ވަދައިގެންނެވިއެވެ. އަދި ރައިސް ސޯލިހް ވަނީ އެރޭ އޭޑީކޭ ހޮސްޕިޓަލްގައި ގާތްގަނޑަކަށް ގަޑިއިރެއްހާ އިރު މަޑުކުރެއްވާފައެވެ.
ނަޝީދުގެ ބޭބެ ޑރ. އިބްރާހީމް ނާޝިދު ރޭ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ލައިފްސަޕޯޓް މެޝިނުން ނެގުމުން ކޮންމެވެސް ވަރަކަށް ވާހަކަ ދައްކަވާފައި ވާ ކަމަށާއި ކުރިއަށް ވުރެ "ވަރުގަދަކޮށް އަންނާނެކަމަށް" ވިދާޅުވެފައި ވާ ކަމަށެވެ.
ހަމަލާގައި ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ގެންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އޭޑީކޭއިން ބުނެފައިވާ ގޮތުގައި ނަޝީދުގެ ބޮލަށާއި، މެޔަށް، ބަނޑަށް އަދި އަތަށާއި ފަޔަށް ވަނީ ގެއްލުންތައް ވެފަ އެވެ. އަދި އައިއީޑީ ގޮވުމުގާ ބުރައިގެން ދިޔަ ގިނަ އަދަދެއްގެ އެތިކޮޅުތައް އެ މަނިކުފާނުގެ ހަށިކޮޅަށް ވަދެފައިވާތީ އެ އެއްޗިހި ނެގުމަށް ގިނަ ސާޖަރީތަކެއް ހަދާފައި ވާކަމަށާ، އެކަމަށް 16 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެފައިވާ ކަމަށްވެސް އޭޑީކޭއިން ވަނީ ހާމަކޮށްފައެވެ.
ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް އެމަނިކުފާނުގެ މަންމާފުޅާއި ބައްޕާފުޅުވެސް ވަނީ އިއްޔެ އެމަނިކުފާނަށް ޒިޔާރަތްކޮށްފައެވެ.
ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނެއް ފުލުހުން ދަނީ ހިންގަމުންނެވެ. އެގޮތުން މިއަދު ހެނދުނު މީހަކު ހައްޔަރު ކޮށްފައި ވާއިރު ފުލުހުން ބުނެފައި ވަނީ ހައްޔަރުކުރި މީހާއަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށް ބޮން ގޮއްވާލި ކަމުގެ ތުހުމަތުގައި ފުލުހުން ހޯދަން އިއުލާންކުރި މީހާ ކަމަށެވެ. އޭނާއަކީ އެ ހަމަލާ ދިން ވަގުތު "އަތަމާ ޕެލަސް" ކުރިމަތީގައި ހުރި މީހާއެވެ.
އެއީ ބޮން ގޮއްވާލިކަމަށް ތުހުމަތު ކުރެވޭ އެންމެ އިސް މީހާގެ ގޮތުގައި މިއަދު ހައްޔަރުކުރީ ވ. ތިނަދޫ، އަށް އުފަން އަހްމަދު އަދުހަމެވެ.
އެ ހަމަލާއާ ގުޅިގެން އިއްޔެ ވެސް ވަނީ އިތުރު 2 މީހުން ހައްޔަރުކޮށް އެ މީހުންގެ ވަނަވަރު ހާމަ ކޮށްފައެވެ.
ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވިއެވެ.