ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި ދެ ޒުވާނަކަށް ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ އުމުރުން 26 އަހަރާއި 37 އަހަރުގެ މީހެއްގެ އިތުރުން 56 އަހަރުގެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެ ތިން މީހުންނަކީވެސް ވެކްސިން ޖަހާފައިވާ މީހުން ނޫންކަމަށާއި ވެކްސިން ނުޖަހައި ތިބި ހުރިހާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް ވެކްސިން ޖެހުމަށް ވަނީ ޑރ. އަލީ ވަނީ އިލްތިމާސްކުރައްވާފައެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 8640 މީހަކު އެބަތިބި ކަމަށެވެ. އަދި އޭގެތެރެއިން 203 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.

މީގެ ތެރެއިން އައިސީޔޫގައި ކްރިޓިކަލް ކޮންޑިޝަން ގައި ވެންޓިލޭޓަރަށް ނުލައި 4 މީހަކަށް ފަރުވާ ދެމުންދާ ކަމަށާއި އައިސީޔޫގައި ފަރުވާ ދެމުންދާ 4 މީހަކުވެސް އެބަތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މި 8 މީހުންވެސް ތިބީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

އިއްޔެ އެކަނިވެސް ރާއްޖެއިން ވަނީ 590 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. ވޭތުވެދިޔަ ދުވަސްތަކަށް ބަޅާއިރު މިއަދުގެ ކޭސްތައް މަދުވެފައި ވަނީ ބެކް ލޮގްއެއް އުޅޭތީ ކަަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެ ގޮތުން 134 ކުޑަކުދިން ހިމެނޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.