ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 590 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު 590 މީހުން ޕޮޒިޓިވް ވެފައި ވާއިރު ޕޮޒިޓިވް މީހުންގެ ތެރޭގައި މާލެ ސަރަހައްދުން 439 މީހުން ވަނި ޕޮޒިޓިވް ވެފައެވެ. މާލެ ސަރަހައްދުން ގިނަ ބަޔަކު ޕޮޒިޓިވް ވެފައި ވާއިރު މީހުން ދިރިއުޅޭ ރަށްރަށުން 141 މީހަކާއި ރިސޯޓުތަކުން 9 މީހަކާއި ލިވަ ބޯޑުން އެކަކު ވަނީ ޕޮޒިޓިވް ވެފައެވެ.

އެގޮތުން މިހާރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 6840 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 230 އަށް އަރާފައި ވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު ވަނީ 83 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 34،724 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު 25،992 އަށް ވަނީ އަރާފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.

އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.