މިދިޔަ އަހަރު ކޮވިޑް ފެތުރެން ފެށި ކޮވިޑަކީ ކިހާ ނުރައްކާތެރި ބައްޔެެއް ކަމަށް ވިސްނުނީ ލޮކްޑައުނަކަށް ދިއުމުން ހެެއްޔެވެ؟ ނޫނީ އެހެން ގައުމުތަކުގައި ޕޮޒިޓިވްވާ އަދަދު އިތުރުވުމުން ހެެއްޔެވެ؟ ނުވަތަ މަރުވާ އަދަދު ގިނަވުމުން ހެއްޔެވެ؟ ނޫނީ ބައްޔަށް ވެކްސިނެއް އޭރު އުފެއްދިފައި ނެތުމުން ހެއްޔެވެ؟

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 700 އިން މަތީގައި އުޅޭތާ 3 ދުވަސް ވެފައި ވީ ނަމަވެސް ދިވެހިންނަށް ހީވާ ކަހަލައެވެ. މިއީ އާދައިގެ ރޯގާއެކެވެ. މަރުވާން ހުރި މީހަކު މަރުވާނެއެވެ. މިކަން، ހަމައެކަނި ފުރަ މާލޭގެ މަގުތަކަށް ބަލާލި ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. އެއްބަޔަކު ރޯދަ ކުރުކުރުމަށް މަގު ފުރާ ސައިކަލުތައް މަތީ އުދުހެނީއެވެ. އަނެއްބަޔަކު ރޭގަނޑު ދަންވަރު ސައިކަލު ބުރުޖަހަނީއެވެ. ޕްރައިވެޓް ކާރުތަކުގެ ވެރިންވެސް ފޯރިމަރަނީ ދަންވަރަށެވެ. މަންޒަރު ފެންނަ މީހުންނަށް ހީވާނީ އީދެއް އައިސްގެން އުޅޭހެންނެވެ.

ކޮވިޑް-19ގެ ކޭސްތައް މަދުވުމުން ދިން ލުއިތަކާއެކު ކޭސްތައް އިތުރުވީ އަތް ނުފޯރާ ހިސާބަަށެވެ. ހަތަރު ވަނަ ރާޅު ރާއްޖެއަށް ބިންދާލީ ނަގަން އުޅޭ "ބިޔަ ރާޅާ" މެދު އެކަކުވެސް ވިސްނާ ނުލާ ހުއްޓައެވެ. މި މަސް ފެށުނު އިރު ހުރި ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތިވަމުންގޮސް މިހާރު ކޮންމަ ދުވަހަކު ރިޕޯޓުކުރާ އަދަދަު 800 އާ ގާތްކުރީއެވެ.

މާލެ މަގުމަތި / ފޮޓޯ: ދަ ޕްރެސް

މި މަހުގެ ފުރަތަމަ 7 ދުވަހުގެ ކޭސްތައް:

  • މެއި 1 - 402 ޕޮޒިޓިވް ކޭސް
  • މެއި 2 - 508 ޕޮޒިޓިވް ކޭސް
  • މެއި 3 - 585 ޕޮޒިޓިވް ކޭސް
  • މެއި 4 - 601 ޕޮޒިޓިވް ކޭސް
  • މެއި 5 - 734 ޕޮޒިޓިވް ކޭސް
  • މެއި 6 - 703 ޕޮޒިޓިވް ކޭސް
  • މެއި 7 - 766 ޕޮޒިޓިވް ކޭސް

ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުން ދާއިރު، މިއީ ހަމައެކަނި މާލޭގެ އަދަދުތަކެއް ނޫނެވެ. ކޮވިޑް ފެތުރި 29 ރަށެއް މޮނިޓަރިންގައި އޮތްއިރު، އޭގެ ތެރޭގައި ހިމެނެނީ ޅ. ނައިފަރު، އދ. މާމިގިލި، ތ.ވޭމަންޑޫ، ތ. މަޑިފުށި، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، އައްޑޫ ސިޓީ، ހއ.ދިއްދޫ، ފ.ފީއަލި، ހދ.ކުޅުދުއްފުށި، އއ.ހިމަންދޫ، ކ.ގުރައިދޫ، ފ.ނިލަންދޫ، ލ.އިސްދޫ، އދ.ފެންފުށި، ލ.މާވަށް، ޏ.ފުވައްމުލައް، ނ.ވެލިދޫ، ށ. ފުނަދޫއެވެ.

3 ދުވަސްތެރޭ ކޮވިޑް ޖެހިގެން 11 މީހުން މަރުވި!

މިދިޔަ ބުރާސްފަތި ދުވަހަކީ 24 ގަޑިއރުތެރޭ ރާއްޖެއިން ރެކޯޑު އަދަދަކަށް ކޮވިޑް ޖެހިގެން މީހުން މަރުވި ދުވަހެވެ. އެގޮތުން އެ ދުވަހުގެ އެންމެ ފުރަތަމަ މީހަކު މަރުވެފައި ވަނީ އެރޭ ދަންވަރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ ދިވެހި އަންހެނެކެވެ.

އެ ދުވަހުގެ ދެވަނަ މަރު ވެފައި ވަނީ އެ ދުވަހު ހަވީރު 3:45 ހާއިރު އއ. ރަސްދޫއިން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދިޔަ އިންޑިއާ ފަތުރުވެރިޔެކެވެ. އެއީ އުމުރުން 61 އަހަރުގެ މީހެކެވެ. އެއަށްފަހު މައުލޫމާތު ލިބިގެން ދިޔައީ 97 ދިވެހި އަންހެނަކު މަރުވި ހަބަރެވެ. އެއަށްފަހު މެންދުރު 12:30 ހާއިރުވެސް އުމުރުން 83 އަހަރުގެ ދިވެހި ފިރެހެނަކު ވަނީ މަރުވެފައެވެ. އެ ދެ މީހުންނަކީވެސް ކޮވިޑަށް ޕޮޒިޓިވްވެ ޅ. ނައިފަރު ހޮސްޕިޓަލުން ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައިވާ ދެ މީހުންނެވެ. އެ ދުވަހު ކޮވިޑް ބަލީގެ ފަސްވަނަ މަރެއް ވެފައި ވަނީ ދަންވަރު 3:47 ގައި އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11ގައި ފަރުވާ ހޯދަމުން ދިޔަ މީހެކެވެ.

ޅ.ހިންނަވަރު ހޮސްޕިަޓަލަށް ގެނާއިރު ނިޔާވެފައިވާ މީހާ ކޮވިޑަށް ޕޮޒިޓިވް ވުމުން ވަޅުލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ / ފޮޓޯ: ޅަވިޔަނި އަތޮޅު ހޮސްޕިޓަލް

އިއްޔެ ކޮވިޑް ބަލީގައި 3 މީހަކު މަރުވެފައި ވާއިރު، އެންމެ ފުރަތަމަ މަރުވެފައި ވަނީ ކ. މާފުށީގައި ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދިޔަ 37 އަހަރުގެ ބިދޭސީއެކެވެ. އޭގެ ފަހުން މެންދުރު 02:46 ހާއިރު ޑީއެޗް11ގައި ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު ވަނީ މަރުވެފައެވެ. އިއްޔެ މަރުވި ތިންވަނަ މީހާއަކީ މަރުވެފައިވަނީ ރޭ 11:15 ހާއިރު އައިޖީއެމްއެޗްގެ އެމެޖެންސީއަށް ގެނައި އުމުރުން 83 އަހަރުގެ އަންހެނަކެވެ.

ބަލި ޖެހޭ ކުޑަކުދިންނާއި އަދަދު ކަންބޮޑުވާ ވަރަށް އިތުރުވަނީ!

އެޗްޕީއޭ އިން ހިއްސާކުރި ވީޑިއޯ މެސެޖެއްގައި، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ މިހާރު ދުވާލެއްގެ މައްޗަށް ގާތްގަނަޑަކަށް 70 ނުވަތަ 80 ވަރަކަށް ކުދިން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ ކަމަށެވެ. ޕޮޒިޓިވްވާ ކުދިންގެ ތެރޭގައި، ކޮންމެ ދުވަހަކު ވެސް އެއް އަހަރުން ދަށުގެ ހަތަރެއް ނުވަތަ ފަސް ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަން މިހެން އޮތްއިރު ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިން ޕޮޒިޓިވް ވެއްޖެނަމަ ހާލު ސީރިއަސް ވުމުގެ ފުުރުސަތު ދަށް ނަމަވެސް ކުޑަކުދިން ޕޮޒިޓިވް ވަމުން ދަނީ ކަންބޮޑުވާ މިންވަރަށް ކަމަށް ޑރ. ނަޒްލާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ދަރިންގެ ރައްކަލަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގައި އުޅެނީ އާ ސްޓްރެއިން އެއް! މާ ނުރައްކާތެރި، ސަމާލުވޭ!

ކޮވިޑް-19 ރާއްޖޭގައި ބާރުމިނުގައި ފެތުރެމުންދާއިރު ރާއްޖޭގައި މިވަގުތު އުޅެނީ ކޮވިޑްގެ އާ ސްޓްރެއިން އެއް ކަމަށް އައިޖީއެމްއެޗުގެ ނޭޝަނަލް ސެންޓާ ފޯ ރެސްޕިރޭޓަރީ މެޑިސިންގެ ޑޮކްޓަރު، މުހައްމަދު އަލީ ރޭ ވަނީ ވިދާޅުވެފައެވެ. ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އާ ސްޓްރެއިން އެއް އުޅެނީ ކަމުގެ ޔާގީންކަން ވަރަށް ބޮޑު ކަމަށާ އެ ސްޓްރެއިން މާބޮޑަށް ނުރައްކާ ކަމަށެވެ.

އެގޮތުން ފުއްޕާމެއަށް ގެއްލުންދޭ މިންވަރު ބޮޑު ކަމަށް ޑރ. މުހައްމަދު އަލީ ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން ހުރިހާ އެންމެން ވެސް އެމީހެއްގެ ކޮންޓެކްޓް ބަބުލް ކުޑަ ކުރުމަށާ، ރަނގަޅަށް މާސްކް އެޅުމަށާއި އަދި އަތް ދޮވުމަށްވަނީ އިލްތިމާސް ކުރައްވާފައެވެ.

ޕޮޒިޓިވްވާ އަދަދާއި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ހާލު ބޮޑުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. އެޗްޕީއޭގެ އެންމެ ފަހުގެ ތާފާސްހިސާބުތަކަށް ބަލާއިެރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މާބަނޑު މީހުންގެ އަދަދު ދަނީ ގިނަވަމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި މިދިޔަ ހަފްތާގައި ގިނަ އަދަދަކަށް ޕޮޒިޓިވް ވެފައިވާ މާބަނޑު މީހުން އެބަތިއްބެވެ. އަދި އޭގެތެރެއިން އެއް ފަރާތެއް ސީރިއަސް ހާލަތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައިވާ ކަމަށް އެޗްޕީއޭން މައުލޫމާތު ދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް / ފޮޓޯ: ހަސަން އަތޫފް \ ދަ ޕްރެސް

ކޮވިޑާއި ގުޅިގެން ކުޑަކުދިންނަށް ދިނުމަށް ހާއްސަ ވެކްސިނެއް ނެތްއިރު އެ ކުދިންނަށް ވެސް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށާއި އެހެންކަމުން ވީހާވެސް ބޮޑަށް އެންމެން އެއްބާރުލުންދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޑޮކްޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭގެ ފިޔަވަޅުތައް ހަރުކަށި ކުރުން!

  • ފުރަބަންދު ކަރަންޓީނުގެ މުއްދަތު 10 ދުވަހުން 14 ދުވަހަށް އިތުރު ކުރުން
  • ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދަތުުރު ނުކުރެވޭ
  • މާލޭގައި ރޭގަނޑު 9:00 އިން ފަތިހު 4:00 ކާފިއު (ހިނގާބިނގާވެ އުޅުމާއި އެއްގަމު އުޅަނދު ދުއްވުން ވެސް މަނާ ވާނެ)
  • ސަރުކާރު އަދި އަމިއްލަ އޮފީސްތަކުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރަން އެންގުން
  • މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ޕާކުތަކާއި މައިޒާން ތަކަށް މީހުން ޒިޔާރަތް ކުރުން ހުއްޓާލުން
  • ކުޅިވަރުތައް ކުޅުން ހުއްޓާލަން އެންގުން
  • ޖިމްތަކާއި ކެފޭ ތެސްޓޯރެންޓްތައް ހުއްޓާލަން އެންގުން

ސަރުކާރުން ބުނެފައި ވަނީ ކޮވިޑް ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ނުވާ ނަމަ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ. ބަލި ކޮންޓްރޯލް ނުވެއްޖެ ނަމަ އަނެއްކާ ވެސް ފުލް ލޮކްޑައުނަކަށް ދިއުން ގާތެވެ. މިދިޔަ އަހަރު ލޮކްޑައުންގައި ކުރި ހުތި ތަޖުރިބާ މިހާ އަވަހަށް ހަނދާން ނެތުނީހެއްޔެވެ؟ މިދިޔަ އަހަރު އުޅެން ޖެހުނު ދަތި ހާލު ބަޔާން ކޮށް އެއްބަޔަކު އެއީ ކަލަންޑަރުގައި ވެސް ހިމަނަން ބޭނުން ނުވާ އަހަރެއްގެ ގޮތުގައި ސިފަކޮށްފައި ވާއިރު އަނެއްކާ ވެސް ގޭގައި ބަންދުވެ އެ ތަކުރިބާ ކުރަން ޖެހިދާނެ ކަމުގެ ބިރު މި ވަނީ ބޮޑުވެފައެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ބޭރުގައި އުޅުނު ބަޔަކު ހުއްޓުވާފައި / ފޮޓޯ: ޕޮލިސް

ދިވެހިންނޭވެ. ހޭއަރާކަށް ނުވޭ ހެއްޔެވެ. ޕޮޒިޓިވްވާ އަދަދު ގިނަވަނީއެވެ. އަދަދުތައް ބޮއްސުން ލައިގެންގޮސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު ހާހަކަށް އަރަނީއެވެ. މަރުވާ އަދަދުވެސް ގިނަވަނީއެވެ. ދުވާލެއްގެ މައްޗަށް 10 މީހުން މަރުވިޔަސް އަހަރެމެންގެ މި ކުޑަ އާބާދީއަށް ވާނެ ގޮތަކާމެދު ވިސްނާލާށެވެ.

ދެން އޮތީ ފަރުދީ ޒިންމާ އަދާކުރުމެވެ. ޒަރޫރީ ބޭނުންތަކުގައި ނޫނީ ބޭރަށް ނުނިކުތުމެވެ. ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ތަބާވެ އަމަލު ކޮށްގެންނެވެ. ނޫނީ ބޭނުންވަނީ ބޭރުގެ ބޮޑެތި އާބާދީތައް އުޅެމުންދާ ގައުމުތައްހެން ޕޮޒިޓިވްވެ މަރުވާ އަދަދު ގިނަވާތަން ފެންނަން ހެއްޔެވެ؟ އެހެން މީހަކު ނުކުރާތީ ފަރުދީ ޒިންމާ އަދާ ނުކުރަން ހެއްޔެވެ؟ އަނެއްކާ ފުލް ލޮކްޑައުނެއްގެ ހިތި ތަޖުރިބާ ކުރަން ހެއްޔެވެ؟