ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭ އެއްވެސް އިންޓެލިޖެންސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވީ ރޭ ދިން ހަމަލާއާ ގުޅޭ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސަށް މީގެ ކުރިން ލިބިފައި ނުވާ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ އިންޓެލިޖިއެންސް މަސައްކަތް ނުހުއްޓޭ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ރޭ ދިން އެ ހަމަލާ ދިނުމަށް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ސައިކަލު ދެނެގަނެވިފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ސީޕީ ހަމީދު ވިދާޅުވީ، މިފަދަ ހަމަލާއެއްގެ ޖާސޫސީ މައުލޫމާތު ފުލުހުންނަށް ލިބިފައި ނުވުމަކީ އެމުއައްސަސާ ފެއިލްވުން ކަން ނުވަތަ ނޫން ކަން ކަނޑައަޅާނީ ކަމާއި ބެހޭ އިދާރާތަކުން ކުރާ އިތުރު ތަހްޤީޤުތަކުން ކަމަށާ މިކަމަށް ޒިންމާވާން ޖެހޭ ފަރާތްތައް ވެސް ކަނޑައަޅާނީ މިފަދަ ތަހުގީގެއް ކަމަށެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ހަމަލާދިން ސަރަހައްދުން ޝައްކުކުރެވޭ ހަރަކާތްތަކެއް ބައެއްގެ ކިބައިން ފުލުހުންނަށް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ ފަރާތްތައް ދެނެގަނެވި ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ މަސައްކަތް ފަށާފައި ކަމަށާއި އެގޮތުން މި ހަމަލާއާއި ގުޅުން ހުރި 4 މީހަކު ފުލުހުންގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައި ކަމަށް ސީޕީ ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުވީ މިހާތަނަށް އެ ހާދިސާގެ އެސެސްމަންޓު ހަދާފައިވާއިރު އެ އެސެސްމެންޓުން އެއީ މިލިޓަރީ ގްރޭޑްގެ އެކްސްޕްލޯސިވްއެއްކަމަށް ބެލެވިފައެއް ނުވާ ކަަމަށާއި، އެހެންނަމަވެސް ބޭނުންކޮށްފައިވަނީ މީހަކަށް ބޮޑެތި ގެއްލުމެއް ލިބިދާނެފަދަ އެއްޗެހި ކަމަށެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.