ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާއަކީ ނަޝިދަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވީ މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށާއި މި ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނަފުޅަށް ގެއްލުންދޭން ކަމަށެވެ.

އަދި މި މައްސަލަ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުންދާ ކަމަށާއި ހަމަލާގެ ތަހުގީގަށް އެހީތެރިވުމަށް ރާއްޖެއިން ބޭރުން ވެސް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން މިހާރު ވެސް އިނގިރޭސިވިލާތުގެ ދެ ތަޖުރިބާކާރުން އެކަމުގައި އެހީތެރިވަމުންދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 5 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

"މިއީ ޓެރަރިސްޓް ހަމަލާއެއް، މި ހަމަލާއަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެއް، މިއީ އެމަނިކުފާނުގެ ފުރާނަ ދުއްވާލަން ދިން ހަމަލާއެއް"
ސީޕީ

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މައްސަލަ ތަހުގީގުކުރުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސް ގެނައުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯހިހް ވަނީ ރޭ ދަންވަ އިއުލާނު ކުރައްވާފައެވެ.

މި ހާދިސައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ. ނަމަވެސް އެ ހަމަލާ ދިން ކަމަށް ޝައްކު ކުރެވޭ 4 މީހަކު ފާހަގަ ވެފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ.