ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާ ހިނގި ސަރައްދުން ޝައްކުވާ ކަމެއް ފާހަގަ ވިނަމަ ގުޅުމަށް ފުލުހުން އަންގައިފިއެވެ.
އެ ހާދިސާއާ ގުޅުގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ރޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ދިން ވަގުތު އެސަރަހައްދުން ޝައްކުވާ އެއްވެސްކަމެއް ފާހަގަކުރެވިފައިވާނަމަ، އެ ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ކޮށްފައިވާ ހޮޓްލައިން 9704000 އަށްގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ. އެގޮތުން ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ވަނީ ފުލުހުން ވަނީ ދީފައެވެ.
ރޭގެ ހަމަލާ ފުލުހުން ތަހްގީގުކުރަން ފަށާފައިވާ އިރު ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މަޢުލޫމާތާއި ފުލުހުން ހޯދާފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މި ހަމަލާ ތަހްގީގުކުރަމުންދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަމަށެވެ. އަދި ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ފުލުހުންނަށް ލިބެންހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އޭގެ އިތުރުން، މިތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާގެ ވަގުތެއްގައި ދިވެހިރާއްޖެއަށް އައުމަށްހަމަޖެހިފައިކަން ފުލުހުން ވަނީ ކަށަވަރުކޮށް ދީފައެވެ. އަދި ޔޫއެންއޯޑީސީ ގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން، މި ހަމަލާ ތަހުގީގުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތަށް ލިބެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނީ މިހަމަލާއާ ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ގައުމީ ދިފާއީ ބަރާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މާލެ ތެރެ ބެލެހެއްޓުމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.