ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ދިން ޓެރަރިސްޓު ހަމަލާއާ ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފުލުހުން ނިންމައިފިއެވެ.

ފުލުހުން ބުނީ އެ ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ މިއަދު މެންދުރުފަހު 2:00ގައި ކަމަށެވެ. ބެލެވޭ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަދިސާ އާ ގުޅޭ ތަފްސީލު ފުލުހުން ހާމަކުރާނެއެވެ.

ރޭގެ އެ ހާދިސާއާށްފަހު ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭގައި އެޑިމިޓް ކޮށްފައިވާއިރު، އޭޑީކޭ ހޮސްޕިޓަލުން ބުނެފައި ވަނީ ހޮސްޕިޓަލަށް ގެނެވުނު ފަހުން މިހާތަނަށް ކާމިޔާބު ކަމާއެކު ގިނަ އޮޕަރޭޝަންތަކެއް ކުރެވިފައިވާ ކަމަށާއި އިތުރު މުހިންމު އޮޕަރޭޝަނެއް ކުރަންޖެހޭކަމަށެވެ. ނަމަވެސް ކޮށްފައިވާ އޮޕަރޭޗަން ތަކާއި ކުރަން ޖެހޭ އެއްވެސް އޮޕަރޭޝަނެއްގެ ތަފްސީލެއް ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

ރޭ ނަޝީދުގެ ގެކޮޅު ސަރަހައްދުގައި ހިނގި މި ހާދިސާގައި ވަނީ 6 މީހަކަށް އަނިޔާވެފައެވެ. އެ ގޮތުން އެމްއެންޑީއެފްގެ ތިން މީހަކު ހިމެނެއެވެ. އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދީފައިވާ އިރު އަނެއް ދެމީހުންނަށް ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. މިހާރު މި އެންމެން ވެސް ވަނީ ދޫކޮށްލާފައެވެ. މީގެ އިތުރުން ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވެސް މި ހާދިސާގައި އަނިޔާވެ ވަނީ އޭޑީކޭއަށް ފަރުވާ ދިނުމަށް ގެންގޮސްފައެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު މައްސަލަ ތަހުގީގުކުރުމަށް އޮސްޓްރޭލިއާގެ ފެޑްރަލް ޕޮލިސް ގެނައުމަށް ނިންމާފައިވާކަން ރައީސް އިބްރާހިމް މުހައްމަދު ސޯހިހް ވަނީ ރޭ ދަންވަ އިއުލާނު ކުރައްވާފައެވެ.

މި ހާދިސައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.