ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހަށިކޮޅަށް އަމާޒުކޮށްދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު އެހެން ވިދާޅުވީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގޭ ކައިރީ މަޖީދީ މަގު ކަންމަތީގައި އެއްޗެއް ގޮއްވާލުމާ ގުޅިގެންނެވެ.
މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްދިން ހަމަލާ ކުށްވެރި ކުރައްވާ ކަމަށާއި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވާ އެއްވެސް އަމަލެއް ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން މާލޭގެ މުޖްތަމައަކީ އެންމެނަށްވެސް ރައްކާތެރި މުޖްމައަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.
މުއިއްޒުގެ އިތުރުން ރައީސް ނަޝީދަށް ދެވުނު ހަމަލާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.
އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. އެ ސަރަހއްދުގައި އާންމުންގެ ގިނަ ބަޔަކު އެއްވެފައި ވާއިރު މިހާރު އެ ސަރަހައްދުގައި ދަނީ ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގެ ސަބަބުން ރައީސް ނަޝީދުގެ ލޮލަށް އަނިޔާލިބިފައިވާއިރު ސާޖަރީއެއް ހެދަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.