މާލޭގެ ގޭބިސީތަކުން ކުނި ނެރޭ ގަޑިއަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން މިއަދު ބުނީ ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ ކޯޕަރޭޝަނުން މާލެ ސަރަހައްދުގައި ހިދުމަތް ދެމުންދާ ވަގުތުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ވެމްކޯގެ ޓްރާންސްފާ ސްޓޭޝަނުންދޭ ހިދުމަތްތައް މިހާރު ފޯރުކޮށްދެނީ ހަވީރު 5:00 ޖެހުމާއި ހަމައަށް ކަމަށާއި ވެމްކޯ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 3:00 އަށް ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
އޭގެ އިތުރުން މާލެ ސަރަހައްދުން ދެން ކުނި ނެރެން ޖެހޭނީ ރޭގަނޑު 9:00 އިން 10:00 އަށް ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
ވެމްކޯ މީގެ ކުރިން ރަމަޟާންމަހު މާލެއާއި ވިލިމާލެއާއި ހުޅުމާލޭގައި ގޭބިސީތަކުން ކުނި ނެރޭ ގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައި އޮންނަނީ ކޮންމެ ރެއަކު 10:00 އިން 11:00 އަށެވެ.
ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިއަދުން ފެށިގެން މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.