ކޮރަޕްޝަން ހުއްޓުވުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ގާނޫނަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލަކީ މިދިޔަ މަހުގެ 19 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ގާނޫނުނަށް އެ ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި އަނޑައަޅާ އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެ ގާނޫނަށް ގެނައި އިސްލާހުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމާ ހަމަތަކާއި އުސޫލުތައްވެސް އެ އިސްލާހުގައި ހިމެނިގެންވެއެވެ.

އެ ބިލަކީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުށަހެޅުއްވައިގެން ގާނޫނު އުގޫބަތަށް ގެންނަން މަޖިލިހުން ފާސްކުރި ބިލެކެވެ. ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސް ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެންބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުން ކަމަށް ބަޔާން ކޮށްފައި ވެއެވެ.އަދި އަސާސީ މިންގަނޑުން ބަލާނަމަ ހަ އަހަރުގެ ޖަލު ހުކުމެއް އެ ކުށަށް އަންނާނެއެވެ.

އޭގެ އިތުރުން ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އޭނާގެ ނަމުގައި ނުވަތަ އޭނާގެ އާއިލާގެ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ ހޯދައި މިލްކު ކުރުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ވެއެވެ.

މި އިސްލާހު ރައީސް ތަސްދީގު ކުރެއްވުމާ އެކު މިހާރު ވަނީ ގެޒެޓްގައި ޝާއިއުކޮށް މި އިސްލާހުތަކަށް އަމަލު ކުރަން ފަށައިފައެވެ.