ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ގައުމުގެ ހާލަތު އިތުރަށް ގޯސް ނުވަނީސް ބޭރު ގައުމުތަކުގެ އެހީތެރިކަމަށް އެދުމަށް މާލެ ސިޓީގެ އިންތިހާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އިޝާރާތް ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ.މުއިއްޒު ވަނީ ގޯހުންގޯހަށް ގައުމުގެ ހާލަތު ނުދަނީސް ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާފައެވެ.

އަދި ވެކްސިންގެ ސްޓޮކް މަދުވެ، ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވާ މިފަދަ ހާލަތެއްގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައިކަން ވެސް ޑރ.މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ގޯހުންގޯހަށް ގައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރަން. ވެކްސިންގެ ސްޓޮކް މަދުވެ ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވާ މިހާލަތުގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި
ޑރ. މުއިއްޒު

މުއިއްޒު އެފަދައިން ވިދާޅުވެފައި ވާއިރު އިއްޔެ އެކަނިވެސް 734 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. އެގޮތުން އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 07 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 186 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.

އިއްޔެ ޖުމްލަ ޕޮޒިޓިވްވި އަދަދު 734 އަށް އަރާފައި ވާއިރު، ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 7109 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 198 އަށް އަރާފައި ވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު ވަނީ 74 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 32،665 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު 25،473 އަށް ވަނީ އަރާފައެވެ.