ހުޅުމާލެ ދާއިރާގެ އިންތިހާބީ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޝުޖާއު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ބޭފުޅުންނާއި އާންމުން އަންނަނީ އޭނާ އަށް ހެޔޮ ދުއާކޮށްދިނުމަށް ސޯޝަލް މީޑިއާގައި އެދެމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާއު ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ހާލު ގޯސްވެ ފަރުވާ ހޯއްދަވަމުން ގެންދަވަނީ ހޮސްޕިޓަލުގައެވެ.

އިއްޔެ 734 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އިއްޔެ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 07 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 186 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.

އިއްޔެ ޖުމްލަ ޕޮޒިޓިވްވި އަދަދު 734 އަށް އަރާފައި ވާއިރު، ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 7109 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 198 އަށް އަރާފައި ވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު ވަނީ 74 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 32،665 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު 25،473 އަށް ވަނީ އަރާފައެވެ.