ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ތޫފާނީ 2 ވަނަ ރާޅެއްގައި ނުތަނަވަސްކަން އިންތިހާއަށް ކުރިމަތިވެފައިވާ އިންޑިއާއަށް، ކޮވިޑްގެ 3 ވަނަ ރާޅަކާ ކުރިމަތި ނުލާ ދިއުން ނާދިރު ކަމުގެ އިންޒާރު، އިންޑިއާގެ ސަރުކާރަށް ލަފާ އަރުވާ ޕްރިންސިޕަލް ސައެންޓިފް އެޑްވައިޒަރު، ކޭ ވިޖޭ ރާގަވަން ދެއްވައިފިއެވެ.

އިންޑިއާ މިއަދު ތަހައްމަލު ކުރަމުންދާ ތަކުލީފުތަކަކީ ހިޔާލަށްވެސް ގެންނަން ދަތި ތަކުލީފުތަކެކެވެ. ހުސްވި ހަފުތާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ރިޕޯޓް ކުރި ކޭސްތަކަށް ބަލާއިރު، 46 ޕަސެންޓް ހިއްސާ ކޮށްފައި ވަނީ އިންޑިއާއިންނެވެ. މަރުގެ 25 ޕަސެންޓް ހިއްސާ ކުރީ އިންޑިއާއިންނެވެ. މިއީ އޭގެ ކުރީ ހަފުތާއާ އަޅާ ބަލާއިރު، 20 ޕަސެންޓް އިތުރު އަދަދެކެވެ.

އިންޑިއާގެ ކޮވިޑް ކޭސްލޯޑް ދަށް ނުވާތާ 2 ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ. ދުވާލެއްގެ މައްޗަށް ކޭސް ރިޕޯޓް ކުރަމުން ދަނީ 3 ލައްކައަށް ވުރެ މަތިން ކަމަށް ވާއިރު އިއްޔެވެސް އެ ގައުމުން ވަނީ، 24 ގަޑިއިރުގެ ތެރޭގައި 382000 ސާމްޕަލް، ޕޮޒިޓިވްވި ކަމަށް ރިޕޯޓް ކޮށްފައެވެ.

ސަރުކާރަށް ލަފާ އަރުވާ އިސް މުޝީރު، ރާގަވަން ވިދާޅުވީ، އިންތިހާ މަތީ ދަރަޖައަކަށް ވައިރަސް ފެތުރެމުން ދާއިރު، ވައިރަސް މިއުޓޭޓްވެ، ބަދަލުވުމުގެ ފުރުސަތު އޮތުމުން، 3 ވަނަ ރާޅަކަށް ދޮރު ހުޅުވިފައި ވާ ކަމަށެވެ. 3 ވަނަ ރާޅެއް ކުރިމަތިވާނީ ކޮން އިރަކުން ދަންނަވަން ނޭނގޭ ކަމަށާ، ނަމަވެސް އެ ގައުމުން އެކަމަށް ތައްޔާރުވާން ޖެހޭނެ ކަމަށް ރާގަވަން ވިދާޅުވިއެވެ.

އިންޑިއާގެ ކޮވިޑް-19ގެ ކާރިސާގެ ތެރެއިން، ސިއްހީ ބޭސްވެރިކަމުގެ ކަޅުބާޒާރެއް ވަނީ އުފެދިފައެވެ. ހޮސްޕިޓަލުތަކުގައި ޖާގައެއް ނެތެވެ.