މިއަދު ވެސް ރެކޯޑް އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 734 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 540 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 07 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 186 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން ޕޮޒިޓިވްވި މީހެކެވެ.
މިއަދު ޖުމްލަ ޕޮޒިޓިވްވި އަދަދު 734 އަށް އަރާފައި ވާއިރު، ކޮވިޑް އެކްޓިވް ކޭސްގެ އަދަދު ވަނީ 7109 އަށް އަރާފައެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު 198 އަށް އަރާފައި ވާއިރު ޑީއެޗް11 ވަނީ ފުލްވެފައެވެ. ކޮވިޑް މަރުގެ ޖުމްލަ އަދަދު ވަނީ 74 އަށް އަރާފައެވެ. ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 32،665 އަށް އަރާފައި ވާއިރު ބަލިން ރަނގަޅުވި މީީހުންގެ ޖުމްލަ އަދަދު 25،473 އަށް ވަނީ އަރާފައެވެ.
މިހާރު ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި އާ ވޭރިއަންޓް އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެކަން ދެނެގަތުމަށް ދިރާސާ ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އެގޮތުން މާލޭ ސަރަަހައްދުގައި ވެސް ކޭސްތައް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މިންވަރު ވެސް މައްޗަށް ދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ކުރިން އަޅާފައިވާ ފިޔަވަޅުތައް ރޯދަ މަސް ފެށުމާ ގާތްވެފައި ވަނިކޮށް މާލެ ސަރަހައްދުގައި ވަނީ އުވާލައި ލުއިތައް ދީފައެވެ. އެގޮތުން ރެސްޓޯރަންޓްތައް ހުޅުވާލުމާ އެކު ރޯދަ ވީލުމާއި ހަވީރު ފިންޏަށް ނުކުމެ މައިޒާންތަކަށް އާއިލާތައް އެކީގައި ޒިޔާރަތް ކުރުން ވަނީ އިތުރުވެފައެވެ. ނަމަވެސް ރޯދަމަސް ފެށިގެން މެދެއްހާ ހިސާބަށް އައި އިރު ކޭސްތައް އަންނަނީ އިތުރު ވަމުންނެވެ.
އެޗްޕީއޭއިން މިހާރު ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެ ގޮތުން މާލެ ފިޔަވާ އެހެން ރަށްރަށުގައި ދިރިއުޅޭ މީހުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. ހަމައެއާއެކު މާލެ ސަރަަހައްދުގައި ވެސް ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކާފިއު ވަގުތެއްގެ ގޮތުގައި ރޭގަނޑު 12 އިން ފަތިހު 4 އަށް ހަމަޖއްސާ އެވަގުތު ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރުމަށް ވަނީ އަންގާފައެވެ.