ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އަދަދު ގިނަވެފައިވާ މި ދަނޑިވަޅުގައި، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިތުރު މުވައްޒަފުންގެ ހޯދަން އިއުލާން ކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑްގެ އޮޕަރޭޝަންގައި ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ފަންނީ އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވެފައިވާ ކަމަށެވެ. އެ މަސައްކަތުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ހެލްތު ޕްރޮފެޝަނަލުންގެ ވަނަވަރު ([email protected]) އީމެއިލް ކުރުމަށް ހެލްތުން ވަނީ އެދިފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އިންތިހާއަށް ގިނަވެ، ހޮސްޕިޓަލުތަކަށް ބާރުބޮޑުވަމުން އަންނަ ދަނޑިވަޅުގައި އިތުރު މުވައްޒަފުން ހޯދުމަށް އިއުލާން ކޮށްފައި ވާއިރު، އިއްްޔެ އެކަނި 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 440 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 19 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 141 މީހަކާއި އިންޑަސްޓްރީއަލް މަސައްކަތްތަކަށް ބޭނުންކުރާ ރަށްރަށުން 11 މީހެކެވެ.

އޭގެ ތެރެއިން ދަރުމަވަންތަ އައިސީޔޫގައި މިވަގުތު 9 މީހަކު އެޓްމިޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 6 މީހަކު ވެންޓިލޭޓަރުގައެވެ. އަދި 3 މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށް އެޗްޕއީއޭން މައުލޫމާތު ދެއެވެ.

މިހާރު ކޮވިޑް އެކްޓިވް ކޭސްގެ އަދަދު 6508 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު ވަނީ 181 އަށް އަރާފައެވެ. މިހާތަނަށް ކޮވިޑުގައި 74 މީހަކު ވަނީ މަރުވެފައެވެ.