މަސްޖިދު އަލް-ޙަރަމް ސާފު ކުރުމަށް، ކޮންމެ ދުވަހަކުވެސް 70000 ލީޓަރަށް ވުރެ ގިނަ އަދަދަކަށް ޑިސްއިންފެކްޓަންޓް ބޭނުން ކުރާ ކަމަށް، މާތްވެގެންވާ 2 މިސްކިތުގެ އިދާރީ ބެލެހެއްޓުންތެރި އިދާރާއިން ހާމަކޮށްފިއެވެ.

މިއީ ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ރައްކާތެރި ވުމަށް ސައުދީ އަރަބިއްޔާއިން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ.

ޢުމްރާގެ އަޅުކަން އަދާ ކުރާ ފަރާތްތަކުން ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރުމާއެކު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. ހިނގާ މަގުތައް ފާހަގަ ކޮށްފައި ވާއިރު، ސެނިޓައިޒް ކުރާ މަރުކަޒުތައް، މަސްޖިދު އަލް-ޙަރަމްގެ ސަރަހައްދުގައި ގާއިމުކޮށްފައި ހުރެއެވެ.

މީގެ އިތުރުން، ކަޢުބާ ވަށައިގެންވާ ސަރަހައްދަށް، ކޮންމެ ދުވަހަކުވެސް 1500 ލީޓަރުގެ ސެނިޓައިޒިންގެ އަތަރު ދޫކޮށްލައެވެ. އަދި މަސްޖިދު އަލް-ޙަރަމްގެ ވަށައިގެންވާ ކޮންމެ އަކައެއް ދުވާލަކު 10 ފަހަރު ދޮންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ތަންފީޒު ކުރުމަށް، 750 ގައިޑުންނާ، 4000 ހައިޖީން ވޯކަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދެއެވެ.

މަސްޖިދު އަލް-ޙަރަމްއަށް ޒިޔާރަތް ކުރާ މެހެމާނުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް، ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، ކަޢުބާއާ، ކަޢުބާ ވަށައިގެންވާ ސަރަހައްދުގައި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.