ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތޫފާނަކާ ކުރިމަތިލާންޖެހިފައިވާ އިންޑިއާގެ ފިލްމީ ދާއިރާގެ ޝަހްސުން ފާހަގަ ކުރެވެނީ، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދީލަތި އެހީތަކެއް ދެމުންދާ ބައެއްގެ ގޮތުގައެވެ. މީގެ ތެރެއިންވެސް ފާހަގަ ކޮށްލެވޭ އެކަކީ ދިވެހިންގެ ހިތްތައްވެސް ފަތަހަ ކުރި ސަލްމާން ހާންއެވެ.

ސަލްމާން ދަނީ ފްރަންޓްލައިން ހިދުމަތްތެރިނާ، ޑޮކްޓަރުންނާ، ފުލުހުންނަށް ކާބޯތަކެއްޗާ، ސިއްހީ އާލާތްތަކާ، އޮކްސިޖަން ސިލިންޑަރު ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން، ދާދި ފަހުން އޭނާ ވަނީ، ކޮވިޑް-19ގައި މި ދުނިޔެ ދޫކުރި ބައްޕައެގެ 18 އަހަރުގެ ދަރިއަކަށްވެސް ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

ސަލްމާންއާއެކު މިކަމުގައި ބައިވެރިވާ ރާހުލް އެސް ކަނާލް ބުނި ގޮތުގައި، ހާލުގައި ޖެހުނު ކުއްޖާއަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމުގެ އިތުރުން، ކިޔެވެމުގާ ގުޅޭ އެހީވެސް ވަނީ ފޯރުކޮށްދީފައެވެ. އަދި އެކުއްޖާގެ ދިރިއުޅުމަށް ލުއި ފަސޭހަކަން ގެނެސްދިނުމަށް، ކޮށްދެވެން އޮތްހާ ކަމެއް ކޮށްދިނުމަށް އެމީހުން ތިބޭނެ ކަމަށްވެސް ކަނާލް ވަނީ ބުނެފައެވެ.

5000 އަށްވުރެ ގިނަ ފްރަންޓްލައިން ހިދުމަތްތެރިންނަށް ސަލްމާން އެހީވެދީފައި ވާއިރު، ސަލްމާންގެ ފޭނުންގެ ތެރެއިން 180 މީހަކު ވަނީ، ކޮވިޑް ފަރުވާއަށް ބޭނުންވާ ޕްލާޒްމާވެސް ހަދިޔާ ކޮށްފައެވެ.

މަސައްކަތުގެ މައިދާނަށް ބަލާއިރު، ސަލްމާންގެ އެންމެ ފަހުގެ ފިލްމް "ރާދޭ: ޔޯ މޯސްޓް ވޯންޓަޑް ބާއީ"، ކުރިއަށް އޮތް އީދު ބަންދުގައި ފެންނާނެ ކަމަށް ހަބަރު ލިބެއެވެ.