ޓެކްނޮލޮޖީ ކުންފުނި މައިކްރޮސޮފްޓްގެ ބާނީ އަދި މަޝްހޫރު މަހުޖަނު ބިލް ގޭޓްސް، އޭނާގެ އަނބިމީހާ މެލިންޑާ ގޭޓްސްގެ 27 އަހަރު ވީ ކައިވެނި ރޫޅާލަން ނިންމާފައި ވާ ކަން ހާމަކޮށްފިއެވެ.

ބިލްއާއި މެލިންޑާ ގޭޓްސްއަކީ ދުނިޔޭގެ އެންމެ މުއްސަނދި ޖޯޑުތަކުތަކުގެ ތެރޭގައި ގުނާލެވޭ އެއް ޖޯޑެވެ. މި ދެމަފިރިންގެ މިލްކިއްޔާތުގެ އަގު، 130 ބިލިއަން ޑޮލަރަށް އަރާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެހީ ފޯރުކޮށްދެމުން ދެމަފިރިން ކަން ފާހަގަ ކުރަން ޖެހެއެވެ.

ޒަވާޖީ ހަޔާތް ރޫޅާލި ކަމުގައި ވީ ނަމަވެސް، ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަން މެދުވެރިކޮށް، އެހީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް، ޓްވިޓާގައި ވަނީ ހާމަކޮށްފައެވެ. ދެމީހުން ރަސްމީ އެކައުންޓްތަކަށް ދޫކޮށްލި ޕޯސްޓުތަކުގައި ބިލްއާއި މެލިންޑާ ގޭޓްސް ބުނެފައި ވަނީ، ކައިވެނީގެ ގުޅުން ކަނޑާލަން ނިންމާފައި ވަނީ ވަރަށް ފުން ކޮށް ވިސްނުމަށްފަހު، އެ ގުޅުން ދެމެހެއްޓޭތޯ ގިނަ މަސައްކަތްތަކެއްވެސް ކުރުމަށް ފަހުގައި ކަމަށެވެ.

3 ދަރިންވެސް ލިބިފައިވާ ބިލްއާއި މެލިންޑާ ގޭޓްސްގެ ކައިވެނި ރޫޅާލަން ނިންމި ވަކި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2 މީހުންގެ ޒާތީ ސިއްރިއްޔާތަށް އިހުތިރާމް ކުރުމަށް "ރަސްމީ" ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.

ބިލްއާއި މެލިންޑާ ގޭޓްސް ދިމާވީ 1987 ވަނަ އަހަރު، މައިކްރޮސޮފްޓް ކުންފުނީގައި މަސައްކަތް ކުރުމަށް، މެލިންޑާ ދިޔަ ހިސާބުންނެވެ. އޭގެ ފަހުން 2 މީހުން ޒަވާޖީ ހަޔާތެއް ފެށީ 1994 ވަނަ އަހަރުއެވެ.

ދުނިޔޭގެ އެންމެ މުއްސަނދިންގެ ލިސްޓުގައި ގުނާލެވޭ ޖެޒް ބޭޒޯސް ވަނީ އެތައް ދުވަހަކަށް ފަހު އޭނާގެ ކައިވެނި، 2019 ވަނަ އަހަރު ރޫޅާލާފައެވެ.