ދާދި ފަހުން ދީފައިވާ ލުއިތަކުގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލައިފިއެވެ.

މިހާރު ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެކްސިން ޖެހުމުން ދަތުރުކުރަން ދިން ލުއިތައް މެދުކަނޑާލުމުގެ އިތުރުން، ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި މީހުން ދިރިއުޅޭ އެއް ރަށުން އަނެއް ރަށާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށެވެ.

އެގޮތުން ހުއްދައާއެކު ވެސް މާލެއިން އެހެން ރަށަކަށް ދަތުރު ކުރެވޭނީ 10 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށްފަހު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީޢޭއިން ރައްކާތެރިކަމުގެ ގޮތުން މި ފިޔަވަލު އަލާފައި ވަނީ މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުރު ވަމުން ދާތީއެވެ. އެ ގޮތުން މިއަދު ވަނީ 585 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ކޭސްތައް އިތުރުވަމުން ދިއުމާއެކު ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އެޗްޕީއޭއިން އަޅާފައެވެ. އެ ގޮތުން ހުރިހާ ގްރޭޑް ތަކަކަށް ސްކޫލްތައް ބަންދު ކުރުމާއި ދަރިވަރުން ގޭގައި ތިބެ އޮންލައިން ކޮށް ކިޔަވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު ސަރުކާރު އޮފީސްތައް ބަންދު ކުރުމާއެކު މިސްކިތްތަކުގައި ގައިދުރު ކަމާއެކު ނަމާދު ކުރުމަށް ވެސް ވަނީ އަންގާފައެވެ. މާލެ ސަރަހައްދުގައި ދުއްވާ އެއްޗެހި ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ވަނީ ހަމަޖައްސާފައެވެ.

މި ފިޔަަވަޅުތައް އަޅާފައިވާ އިރު އެ ގޮތަށް އަމަލު ކުރަން ފަށަނީ މި މަހުގެ 5 ވަނަ ދުވަހުން މި މަހުގެ 15 އާ ހަމައަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.