އެއީ މެއި 1، 2021 ވީ ހޮނިހިރު ދުވަހެއެވެ. އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ބަޓްރާ ހޮސްޕިޓަލުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ފަރުވާ ހޯދަމުން ދިޔަ 12 ޕޭޝަންޓުން މަރުވިއެވެ. އޭގެ ތެރޭގައި އެ ހޮސްޕިޓަލުގެ ގޭސްޓްރޯއެންޓްރޮލޮޖީ ޑިޕާޓްމަންޓްގެ ވެރިޔާ، ޑރ އާރްކޭ ހިމްތާނީ ހިމެނެއެވެ.

ދިއްލީގެ ދެކުނުގައި ޕްރައިވެޓް ހޮސްޕިޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އަންނަ މި ހޮސްޕިޓަލަކީ، އިންޑިއާއަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ކޮވިޑްގެ ތޫފާނާއެކު ކުރިމަތިވި އޮކްސިޖަން ސަޕްލައިގެ ހީނަރުކަމުގެ ސިގުނަލް ދެމުން ދިޔަ އެއް ހޮސްޕިޓަލެވެ. ޕޭޝަންޓުންގެ އަދަދު އިތުރުވެ، ވެންޓިލޭޓަރުތަކާ، އައިސީޔޫ އެނދުތަކަށް އޮތް ޑިމާންޑް އުފެލެމުން ދިޔައީ ވަސީލަތްތަކާ ކަތާ ވަރަށްވުރެ ހަލުވި މިނުގައެވެ.

އިންޑިއާގެ ބަޓްރާ ހޮސްޕިޓަލުން އޮކްސިޖަން ހުސްވެގެން އައިސީޔޫއިން 12 ޕޭޝަންޓުން މަރުވީ މެއި 1، 2021 ވަނަ ދުވަހު / ފޮޓޯ: ޑީއެންއޭ އިންޑިއާ

ބަޓްރާ ހޮސްޕިޓަލުގެ އެގްޒެކެޓިވް ޑައިރެކްޓާ، ޑރ ޝުދާންޝޫ ބަންކަޓާ ވިދާޅުވީ، އޮކްސިޖަން ހޯދުމަށް އެންމެ ފުރަތަމަ އެސްއޯއެސް އެލާމް އެޅީ ހޮނިހިރު ދުވަހު ހެނދުނު 07:00 ގައި ކަމަށެވެ. ނަމަވެސް އެއްވެސް ދިމާލަކުން އެހީއެއް ނުލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހުގެ ގަޑި ހިނގަމުން ދިޔަ ވަރަކަށް، ކްރިޓިކަލް ކެއާ ވޯޑުތަކުން އޮކްސިޖަން ސަޕްލައި ހުސްވަމުން ދިޔަ ކަމަށް ޑރ ބަންކަޓާ ވިދާޅުވިއެވެ. ޕޭޝަންޓުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ، ޑޮކްޓަރުންނާ ޕެރަމެޑިކްސް މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ، އަތުން ފިތާ ޒާތުގެ މެނުއަލް ރީސަސިކޭޓާޒް ބޭނުން ކޮށްގެންނެވެ.

ކޮވިޑް-19ގެ ތޫފާނަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ އޮކްސިޖަން ކިއުއެއް / ފޮޓޯ: ފްރާންސް24

ހުރިހާ ސަރަހައްދަކުންވެސް ފެންނަމުން ދިޔައީ ހާސްކަމާ، ނުތަނަވަސްކަމެވެ.

ހާލަތު ގޯސްވަމުން ދިޔައިރު، ޑރ ބަންކަޓާ ވަނީ ސޯޝަލް މީޑިއާއަށް ޕޯސްޓެއްވެސް ދޫކޮށްލާފައެވެ. އެ ޕޯސްޓްގައި އޭނާ ބުނަމުން ދިޔައީ އެ ހޮސްޕިޓަލުގައި ހުރީ އެންމެ އޮކްސިޖަން ސިލިންޑަރެއް ކަމަށާ، 10 މިނެޓަށް ވުރެ އިތުރަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ފަހަށް އެޅިއިރު، ބަޓްރާ ހޮސްޕިޓަލުން އޮކްސިޖަން ހުސްވިތާ 1 ގަޑިއިރު ވެއްޖެއެވެ. އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ 12 ޕޭޝަންޓުން މަރުވީއެވެ. އޭގެ ތެރޭގައި ޑރ ހިމްތާނީ ހިމެނެއެވެ. މިއީ ކޮވިޑް-19 ނުރައްކާ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ އިންޑިއާގެ ވެރި ރަށުގައި ހިނގި މިފަދަ ދެވަނަ ހާދިސާއެވެ.

އިންޑިއާގެ އެކި ހިސާބުތަކަށް އޮކްސިޖަން ސަޕްލައި ނުލިބުމުގެ މައްސަލަ ވަނީ ބޮޑު ވެފަ / ފޮޓޯ: ކުއާޓްޒް

ކުރިޓިކަލް ކެއާ ޔުނިޓްތަކުން އޮކްސިޖަން ހުސްވެ، ޖައިޕޫރު ގޯލްޑަން ހޮސްޕިޓަލުން 26 ޕޭޝަންޓުން މަރުވީ އޭޕްރިލް 23، 2021 ވަނަ ދުވަހުއެވެ.

ޑރ ބަންކަޓާ ވިދާޅުވީ، ކޯޓާ އުސޫލުން ދޫކުރާ އޮކްސިޖަންއަކީ، ދިއްލީއިން އެދިފައިވާ މިންވަރަށް ވުރެ އެތައް ގުނައެއް މަދު މިންވަރެއް ކަމަށެވެ. ދިއްލީއަށް 590 މެޓްރިކް ޓަނުގެ އޮކްސިޖަން ކަނޑައެޅި ނަމެވެސް، ހޮނިހިރު ދުވަހު ދިއްލީއަށް ލިބުނީ 440 މެޓްރިކް ޓަނުގެ އޮކްސިޖަންއެވެ. އެނދުގެ އަދަދުތައް އިތުރު ވަމުން ދާއިރު، ދުވާލަކަށް 976 މެޓްރިކް ޓަނުގެ އޮކްސިޖަން ބޭނުން ވާ ކަމަށް، ދިއްލީގެ ޑެޕިއުޓީ ޗީފް މިނިސްޓަރު، މަނީޝް ސިސޯޑިއާ ވިދާޅުވިއެވެ.

އިންޑިއާގެ ބަޓްރާ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށް އޮކްސިޖަން ހުސްވެގެން މަރުވި، ޑރ އާރްކޭ ހިމްތާނީ / ފޮޓޯ: އިންޑިއަން އެކްސްޕްރެސް

ޑރ ހިމްތާނީގެ ރަހުމަތްތެރިން ގަބޫލު ކުރާ ގޮތުގައި އެމީހުންގެ އެކުވެރިޔާ މި ދުނިޔެއާ ވަކިކޮށްލި ގާތިލަކީ ހަގީގަތުގައި ވައިރަހެއް ނޫނެވެ. ޑރ ހިމްތާނީ މި ދުނިޔެއާ ވަކިވީ، ދިރި ހުރުމަށްޓަކާ ނޭވާލާނެ ގޮތެއް ހޯދަން، އޮކްސިޖަނަށް އެދެމުން ދިޔަ ނަމަވެސް، ސަރުކާރުން އެ އޮކްސިޖަން ސަޕްލައި ކޮށްދިނުމަށް ފެއިލްވުމުގެ ސަބަބުން ކަމަށް ރަހުމަތްތެރިން ގަބޫލު ކުރެއެވެ.

ކަން މިހެން އޮތް އިރު، އިންޑިއާއިން ދަނީ އޮކްސިޖަން ސަޕްލައިގެ ޝަކުވާ އުފުލާ ފަރާތްތަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދެމުންނެވެ. ސޯޝަލް މީޑިއާގައި އެފަދަ ޕޯސްޓެއް ޖެހި ޒުވާނަކާ ދެކޮޅަށް ދައުވާ އުފުލި މައްސަލައެއްވެސް ދާދި ފަހުން ވަނީ ފެންމަތިވެފައެވެ.