އުމުރުން 11 އަހަރުގެ ނުހައިކް ބިން މުހައްމަދު ރިޔާޒް ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނުހައިކް ނިޔާވީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 11 ޖަހާކަންހާއިރު އިންޑިއާގެ ޓްރިވެންޑްރަމްގެ ކިމްސް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އޮންލައިން ނޫހަކަށް އާއިލާ އިން ދިން އިންޓަވިއުއެއްގައި ބުނީ ނުހައިކަށް ފުރަތަމަ ފެންނަމުން ދިޔައީ އާދައިގެ އަރިދަފުސް ރޯގާއެއްގެ އަލާމާތްތެއް ކަމަށެވެ. އަދި ހުރިހާ ޑޮކްޓަރުން ވެސް ބުނަމުން އެއީ އަރުދަފުސް ރޯގާއެއް ކަމަށެވެ. ނަމަވެސް މައްސަލައެއް އުޅޭކަން އާއިލާއަށް އެނގުނީ ކަރުންމަތީގެ ޑޮކްޓަރަށް ނުހައިކް ދެއްކި ހިސާބުންނެވެ.

ނުހައިކް ބިން މުހައްމަދު ރިޔާޒް

ޑޮކްޓަރަށް ނުހައިކް އަނގައިގެ ތަލިމަތީގައި ދުޅަވެފާ އިންތަނެއް ފާހަގަ ކުރެވި ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް އިރުޝާދު ދިނުމާއެކު ނުހައިކްގެ އާއިލާ އަވަހަށް އިންޑިއާއަށް ގޮސް އެގައުމުގެ ކިމްސް ހޮސްޕިޓަލަށް ދެއްކިއެވެ.

ކިމްސް ހޮސްޕިޓަލުން ނުހައިކް ދެއްކުމުން އާއިލާއަށް ލިބުނީ އުއްމީދު ކުރި ފަދަ ހަބަރެއް ނޫނެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނީ ނުހައިކަށް ކެންސަރުގެ ނުރައްކާތެރި ބާވަތެއް ކަމުގައިވާ، ބާކިޓް ލިމްފޯމާ އާއި ހަނގުރާމަ ކުރަން ޖެހިފާ ކަމަށެވެ. މިއީ އަވަސް ފަރުވާ ނުހޯދައިފި ނަމަ ސަލާމަތްވުން ނާދިރު ކެންސަރެއް ކަމަށް ޑޮކްޓަރުން ބުނެއެވެ.

ނުހައިކް ބިން މުހައްމަދު ރިޔާޒް

ފަރުވާދޭތާ މާ ގިނަ ދުވަސް ދުވަނީސް ނުހައިކަށް ވަނީ ކީމޯގެ ފުރަތަމަ ޑޯޒް ދީފައެވެ.

ކެންސަރުގެ 50 ޕަސެންޓް ނައްތާލެވުނު ނަމަވެސް އޭގެ ސައިޑް އިފެކްޓުގެ އަސަރު ވަރަށް ބޮޑަށް ނުހައިކަށް ކުރިއެވެ. ކީމޯގެ ފުރަތަމަ ޑޯޒާއި ގުޅިގެން ކަރުތެރެ ފާރުވެފައިވާއިރު ވަރަށް ގިނައިން ހޮޑުލެވި، ވަރަށް ގަދައަށް ހުން އައެވެ. އަދި ނުހައިކު ހަށިގަނޑުގައި ލޭ ނުހިފެހެއްޓުމުގެ ސަބަބުން އެތައް ފަހަރަކު އޭނާގެ ހަށިގަނޑަށް ލޭ އަޅަން ޖެހުނެވެ.

ފަހުން އޭނާގެ ހާލު ސީރިއަސް ވެގެން ދިޔައީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި ނުހައިކްގެ ހާލު ވަނީ އިތުރަށް ގޯސްވެފައެވެ.