ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)ގައި މަސައްކަތް ކުރަމުން ދިޔަ 4 ފަޅުވެރިން ދަތުރު ކުރަމުން ދިޔަ ޖައްވީ އުޅަނދު، ކާމިޔާބު ކަމާއެކު ދުނިޔޭގެ ސަތަހާގައި ޖައްސައިފިއެވެ.

މިއީ ފާއިތުވީ 53 އަހަރުގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ ފްލައިޓެއް، ރޭގަނޑުގެ ވަގުތެއްގައި ދުނިޔޭގެ ސަތަހައަށް ތިރިކުރި ފުރަތަމަ ފަހަރެވެ.

މަޝްހޫރު މަހުޖަނު، އީލޯން މަސްކުގެ ސްޕޭކްސް އެކްސް ކްރޫ ޑްރެގަން ރެޒިލިއަންސް ކެޕްސޫލް، ފްލޮރިޑާގެ ޕެނަމާ ސިޓީގެ ރަށް ބޭރުން ކަނޑުގެ ސަރަހައްދަށް ތިރި ކުރީ 02:56 އީޑީޓީ (މީގެ 5 ގަޑިއިރެއްހާއިރު ކުރި) ގައެވެ.

އައިއެސްއެސްއިން އުދުއްސާލައިގެން މި ކެޕްސޫލްހައި ދަތުރު ކުރީ ނާސާގެ 3 ފަޅުވެރިއަކާ، ޖަޕާނުގެ ޖައްވީ އިދާރާގެ ފަޅުވެރިއެކެވެ. އެމީހުން ވަނީ އައިއެސްއެސްގައި، ގާތްގަނޑަކަށް 6 މަހެއްހާ ދުވަސް ހޭދަކޮށްފައެވެ.

ސްޕޭސް އެކްސްއާ ގުޅިގެން ނާސާއިން ކުރިއަށް ގެންދިޔަ މި މަޝްރޫއަކީ، ނާސާގެ ކޮމާޝަލް ކްރޫ ޕްރޮގްރާމްގެ ސިލްސިލާއަށް އެންމެ ފަހުން އިތުރުވި ބޮޅެވެ. މަސްކުގެ ސްޕޭސް އެކްސް ކުންފުންޏަކީ، ވިޔަފާރި އުސޫލުން ޖައްވީ ދަތުރުތައް ކުރުމަށް ނާސާގެ އެންމެ މަގުބޫލު ބައިވެރިޔާއެވެ.