ކަލާޒް ޓީވީއިން ދައްކަމުން އަންނަ އިންޑިއާގެ މަޝްހޫރު ޑާންސް ރިއާލިޓީ ޝޯ "ޑާންސް ދީވާނޭ 3"ގެ ބައިވެރިއަކު ނިސްބަތްވާ އަވަށުގެ އެންމެނަށް، ލޮކްޑައުންގެ މުއްދަތު ނިމެންދެން، ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާ ދޭނެ ކަމަށް އިންޑިއާގެ ދީލަތި އެކްޓަރު ސޯނޫ ސޫދު ބުނެފިއެވެ.

"ޑާންސް ދީވާނޭ 3"ގެ މި ހަފުތާގެ އެޕިސޯޑްގައި ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވާ ސޯނޫ ސޫދު މިކަން ހާމަކުރީ، ބެންގަލޫރުގައި އެޕިސޯޑް ޝޫޓު ކުރަމުންދިޔަ ވަގުތުގައެވެ. އޭނާ މިކަން ހާމަ ކުރީ، އިންޑިއާއަށް މިހާރު ކުރިމަތިލާންޖެހިފައިވާ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކާރިސީ ބަލިމަޑުކަމުގެ ވާހަކަތައް، ބައިވެރިން ހިއްސާ ކުރަމުން ދިޔަ ވަގުތުގައެވެ.

ސޯނޫ ސޫދަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިންޑިއާގެ އެކި ފަންތިއާއި ގިންތީގެ މީހުންނަށް ދީލަތި އެހީތަކެއް ފޯރުކޮށްދެމުން އަންނަ ބަތޮލެކެވެ. މިއާއެކު "ޑާންސް ދީވާނޭ 3"ގެ ބައިވެރިއެއް ކަމަށްވާ އުދޭ ސިންހް ވަނީ، ސޯނޫއަށް ސެލިއުޓްކޮށް، އޭނާއަށް ހާއްސަ ނެށުމުގެ ޕާފޯމަންސްއެއް ދައްކާލާފައެވެ. އުދޭ ނިސްބަތްވަނީ، މަދްޔާ ޕްރަދޭޝްގެ ނީމަޗްއޭ ކިއުނު ކުޑަ އަވަށަކަށެވެ.

ބޮލީވުޑްގެ ބަތޮލް ސޯނޫ ސޫދް (ވ) ހިޖުރަވެރި މަސައްކަތްތެރިންނަށް އެހީވަނީ/ފޮޓޯ: ސޯނޫ ސޫދް

ސޯނޫ ސޫދު ކޮށްދެމުންދާ ހިދުމަތުގެ އަގު ވަޒަންކޮށް އެކަމުގެ ވާހަކަ ދައްކަމުން އުދޭ ވަނީ، އޭނާގެ އަވަށުގެ މީހުން އުފުލަމުންދާ ތަކުލީފުތައްވެސް ހިއްސާކޮށްފައެވެ. ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ އަމުރެއް އެ އަވަށުގައި ތަންފީޒު ކުރަމުން ދާއިރު، ދުވަހު އުސޫލުން އާމްދަނީ ހޯދާ ފަރާތްތަކަށް، ފައިސާ ލިބޭނެ އެއްވެސް މަގެއް ނެތް ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އަދި ދިރިއުޅުމުގެ ކަންކަން ދެކޮޅު ޖެއްސުމަށް، އެ އަވަށުގެ މީހުން އުފުލަމުންދާ ތަކުލީފުގެ ވާހަކަވެސް އޭނާ ވަނީ ޝޯގައި ހިއްސާ ކޮށްފައެވެ.

އުދޭގެ ހިތުގެ އިހުސާސްތައް ބަންޑުންކޮށްލުމާއެކު، ސޯނޫ ސޫދު ވަނީ، ލޮކްޑައުންގެ މުހުލަތު ނިމުމަކަށް އަންނަން ދެން، އުދޭގެ އަވަށު އެންމެންގެ ކެއިންބުއިމުގެ ކަންކަން ހަމަޖައްސާދޭނެ ކަމަށް ބުނެފައެވެ. ކިތަންމެ ދިގު މުއްދަތަކަށް ލޮކްޑައުންގެ އަމުރު ދެމިގެން ދިޔަކަމުގައި ވީ ނަމަވެސް، އަވަށުގެ އެންމެނަށް އެކަށީގެންވާ މިންވަރެއްގެ ކޮއްތެއް، ގަވައިދުން ފޯރުކޮށްދޭނެ ކަމަށް ސޯނޫ ސޫދު ވަނީ ބުނެފައެވެ.

އުދޭ އަކީ ސުޕާސްޓާރެއް ކަމަށް ސިފަ ކުރަމުން ސޯނޫ ވަނީ، 6 މަސް ދުވަހަށް ލޮކްޑައުން ދެމިގެން ދިޔަ ކަމުގައި ވީ ނަމަވެސް، އެ އަވަށުގެ މީހުން ހާސް ނުވުމަށް ގޮވާލާފައެވެ.