ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ތުރުކިވިލާތުގައި ކުރިއަށް ގެންދިޔަ މުޒާހަރާތަކުގެ ތެރެއިން، މިހާތަނަށް 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެތުރިފައި ވީ ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހުގެ މުޒާހަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ބީދައިން ތުރުކީވިލާތުގައިވެސް މުޒާހަރާތައް ކުރިއަށް ގެންގޮސްފައި ވާއިރު، ތުރުކީވިލާތުގައި ކުރިއަށް ދިޔަ މުޒާހަރާތަކަކީ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ ނެތި ކުރިއަށް ގެންދިޔަ ހަރަކާތްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅުތަކެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ތަންފީޒު ކުރަމުން ދާއިރު، މޭ ޑޭ މުޒާހަރަތައް ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން އެ ގައުމުތަކުގެ މަގުތަކަށް ފުލުހުން ނެރެފައެވެ. މޭ ޑޭގެ ސުލްހަވެރި މުޒާހަރާތައް ކުރިއަށް ގެންދިޔަ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތް، ރަޝިއާ، ސްޕެއިން، ސްވީޑަން، އިނގިރޭސިވިލާތް، ކިއުބާ، ކޮލަމްބިއާ، ފިލިޕީންސް އަދި އިންޑޮނޭޝިއާ ހިމެނެއެވެ.
ތުރުކީވިލާތަކީ މުޒާހަރާތައް ހޫނުވި ގައުމުތަކުން ގައުމެކެވެ. ތުރުކީވިލާތުގެ އިސްތަންބޫލުގެ ގަވަރުނަރުގެ އޮފީހުން ބުނީ 212 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށާ، އެމީހުންނަކީ މޭ ޑޭގެ ހިނގާލުމުން ވަކިވެ، ތަކްސީމް މައިދާނަށް ވަދެގަތުމަށް މަސައްކަތް ކުރި މީހުން ކަމަށެވެ. ތަކްސީމް މައިދާނަކީ، ތުރުކީވިލާތުގައި ކުރާ މުޒާހަރާތަކުގެ ރަމްޒެއްގެ ގޮތުގައި ބަލާ މައިދާނެކެވެ.
މި ދަނޑިވަޅަކީ ކޮވިޑް-19ގެ 3 ވަނަ ރާޅަކާ ކުރިމަތިވެ، ތުރުކީވިލާތުގައި ގައުމީ ފެންވަރުގައި ލޮކްޑައުންގެ އަމުރެއް ތަންފީޒު ކުރަމުން އަންނަ ދަނޑިވަޅެކެވެ.