ކޮވިޑް-19އާ ގުޅިގެން، މަސައްކަތްތެރިން ކުރި ބުރަ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަން ފަށައިފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ވަނީ ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަދި ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް މަސައްކަތްތެރިން ކުރި ބުރަ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަން ފަށައިފައިވާ ކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިއަދާ ގުޅިވައިގެން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ ކަމަށާއި މަސައްކަތްތެރިންގެ ހައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން އެމްޑީޕީން ކުރި މަސައްކަތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސާވިސް ޗާޖު މިހާރު ކަށަވަރު ކޮށްދެވިފައި ވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރަކު މެއި އެއްވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.