އަންނަ މެއި މަހު ފަލަސްތީނުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ވޯޓުލުން ފަސް ކުރުމަށް، އެގައުމުގެ ރައީސް މަހްމޫދު އައްބާސް ނިންމަވައިފިއެވެ.

ފަލަސްތީނުގެ އާންމު އިންތިހާބުގެ ވޯޓު ފަސްކުރަން އައްބާސް ނިންމަވާފައި މިވަނީ، އިސްރާއީލުން ވެރިވެގެންފައިވާ އިރުމަތީ ގުދުސްގެ ސަރަހައްދުގައި ވޯޓުލުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދުގައި ދެބަސްވުންތަކެއް އުފެދިފައި އޮތުމާއެކު، އައްބާސްގެ ފަތަހަ ޕާޓީގައި ބައިބައިވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

އިންތިހާބު ފަސްކުރެއްވުމުގެ އުޒުރެއް ކަމުގައި އައްބާސް ވިދާޅުވީ، ގުދުސްއާ، ހުޅަނަގު އައްސޭރި އަދި ގައްޒާގައި، އިސްރާއީލާ ހެދި އިންތިހަބު ކުރިއަށް ގެންދެވިދާނެ ކަމާ މެދު ސުވާލުތަކެއް އުފެދިފައި އޮތުމުން ކަމަށެވެ.

އިންތިހާބު ފަސްކުރެއްވީ، ގުދުސްގެ ރަށްވެހިންނަށްވެސް އިންތިހާބުގައި ބައިވެރިވެވޭނެ ކަން ކަށަވަރު ވަންދެން ކަމަށްވެސް އައްބާސްވަނީ ވިދާޅުވެފައެވެ.

މިފަދަ ނިންމެވުމެއް އައްބާސް ނިންމަވާފައި މިވަނީ، 15 އަހަރަށް ފަހު ފަލަސްތީނުގައި ދައުލަތުގެ ފެންވަރުގެ އިންތިހާބެއް ކުރިއަށް ގެންދިއުމަށް ނިންމިތާ އެންމެ 3 މަސް ދުވަހުގެ ތެރޭގައެވެ. މިއާއެކު ފަލަސްތީނުގެ މުއައްސަސާތަކުގެ ޑިމޮކްރަޓިކް ސައްހަކަމާ، އައްބާސްގެ ވެރިކަމުގެ ޑިމޮކްރަޓިކް ސައްހަ ކަމަ މެދު ސުވާލު އުފެދި، ގިނަ ބައެއްގެ ފާޑުކިއުންތަކުގެ އަޑު ވަނީ ގަދަވެފައެވެ.

މެއި މަހަށް ތާވަލު ކުރި އިންތިހާބު ކުރިއަށް ގެންގިސްފިނަމަ، ގައްޒާ ކޮންޓްރޯލް ކުރާ ހަމާސްއަށް ކުރި ލިބޭނެ ކަމަށް ބެލެވެއެވެ. ހަމާސްއަކީ އައްބާސްގެ ފަތަހަ ޕާޓީގެ ސިޔާސީ ވާދަވެރި ޕާޓީއެވެ.

ފަލަސްތީނުން މީގެ ކުރިން ކުރިން ގެންދިޔަ އިންތިހާބުތަކަށް ބަލާއިރު، އިރުމަތީ ގުދުސްގައި އިސްރާއީލުން ކޮންޓްރޯލް ކުރާ ޕޯސްޓް އޮފީސްތަކުގައި ވޯޓު ދިނުމުގެ ފުރުސަތު، ފަލަސްތީނުގެ މަދު ބަޔަކަށް ދީފައިވެއެވެ. ނަމަވެސް މިފަހަރު އިސްރާއީލުން ބުނަމުން ދަނީ، ފަލަސްތީނުގެ ހުށަހެޅުމަށް ހުއްދަ ދޭނެ ސަރުކާރެއް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ޕޮލިޓިކަލް ސައެންޓިސްޓް ހަސަން އައްޔޫބު ވިދާޅުވީ، އިސްރާއީލުގެ އުޒުރަކީ ބަލައިގަނެވޭނެ އުޒުރެއް ނޫންކަމަށެވެ. އަދި ވޯޓުލުން ކުރިއަށް ގެންދެވޭނެ އިތުރު ގޮތްތައް ހުންނާނެ ކަމަށެވެ. ނަމަވެސް، އައްބާސް ހުންނެވީ އެ ގޮތްތައް ހޯދުމަށް އިސްރާއީލަށް ޕްރެޝަރު ކުރައްވާ ފަދަ ގޮތަކަށް ނޫން ކަމަށްވެސް އައްޔޫބު ވިދާޅުވިއެވެ.