މަރުގެ ތުންފަތްމަތީގައި ދުނިޔެއަށް އެންމެ ފަހުގެ ނޭވާލަމުން ދިޔަ ކާފައަށް އޮކްސިޖަން ހޯދަން ޓްވީޓް ކުރި ފިރިހެނަކާ ދެކޮޅަށް، އިންޑިއާގެ ފުލުހުން ދައުވާ އުފުލައިފިއެވެ.

އުއްތަރަ ޕްރަދޭޝް ސްޓޭޓުން، ޝަޝާންކް ޔާދަވްއާ ދެކޮޅަށް ދައުވާ އުފުލަނީ، ބިރުވެރިކަން އުފެއްދުމުގެ ނިޔަތުގައި، އޮކްސިޖަން ހުސްވާ ކަމުގެ "ހަގީގަތްތެއް ނެތް" ވާހަކަ ފެތުރުމުގެ ކުށުގެ ތުހުމަތާ އެކުގައެވެ.

ޔާދަވްގެ ޓްވީޓްގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވާހަކަ ކަނޑައެޅިގެން ބަޔާން ކޮށްފައި ނުވި ނަމަވެސް، އޭނާގެ މައްޗަށް ޖަލު ހުކުމް އައުން އެކަށީގެންވެއެވެ.

ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ބާރުތިޔާ ޖަނާތާ ޕާޓީގެ ބޮޑު ކޮންޓްރޯލެއް އޮންނަ އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ކަމުގައި ހުރި ހިންދޫ ފާދިރީ ވަނީ، މިފަދަ ވާހަކަތައް ފަތުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ ހަރުކަށި އިންޒާރު ދީފައެވެ.

އަމޭތީ އަވަށުގެ އޮފިޝަލުން ވިދާޅުވީ، ޔާދަވް ގެ ޓްވީޓަކީ އަސްލެއް ނެތް ވާހަކަތަކެއް އެކުލެވޭ ޓްވީޓެއް ކަމަށާ، އެ ޓްވީޓަކީ، ސަރުކާރަށް ބަދު ބަސް އަމާޒު ކުރަނިވި ޓްވީޓެއް ކަމަށެވެ.

ނަމަވެސް ފާޑުކިއާ ފަރާތްތަކުން ވަނީ، މި ފިޔަވަޅަކީ، ފަރުދުންނަށް ލިބިދީފައި އޮތް މިނިވަންކަމަށް ހުރަސް އެޅުމަށް މި ފަހަކަށް އައިސް ހިންގަމުންދާ ޖަރީމާތަކަށް އިތުރު ބޮޅެއް ކަމަށް ސިފަކޮށްފައެވެ.

އުމުރުން 26 އަހަރުގެ ޔާދަވް، ހޯމަ ދުވަހު ސޯޝަލް މީޑިއާއަށް ދޫކޮށްލި ޕޯސްޓްގައި އޭނާ ބުނެފައި ވަނީ، ވީ އެންމެ އަވަހަކަށް އޮކްސިޖަން ސިލިންޑަރެއް ބޭނުންވާ ކަމަށެވެ. އެ ޓްވީޓްގައި އޭނާ ވަނީ ބޮލީވުޑް ބަތޮލް، ސޯނޫ ސޫދް ޓެގްކޮށްފައެވެ. އިތުރު އެއްވެސް ވާހަކައެއް އެ ޓްވީޓްގައި ނުދައްކައެވެ.

ޔާދަވްގެ ކާފަ މި ދުނިޔެއާ ވަކިވީ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި އެނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ. އަދި އޭނާ ކޮވިޑަށް ޕޮޒިޓިވް ނޫން ކަމަށްވެސް އޮފިޝަލުން ވިދާޅުވިއެވެ. ނަމަވެސް، އޭނާ މަރާ ގުޅިގެން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށްވެއެވެ.