މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2013/12 ) އަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ބިލަކީ މި މަހުގެ 14 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިސްލާހުގައި މީހުން ޓްރެފިކުކުރުން ކަމުގައި ބެލެވޭ ކަންކަން ވަނީ މި ގާނޫނުގެ 12 ވަނަ މާއްދާގައި ތަފްސީލުކޮށް ބަޔާންކޮށް ދީފައެވެ. ހަމަ އެއާއެކު މި ގާނޫނުގެ 14 ވަނަ މާއްދާގައި ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭނެ ކަންކަން ވެސް ވަނީ ތަފްސީލުކޮށް ބަޔާންކޮށް ދީފައެވެ.

އެގޮތުން ކުޑަކުދިން ޓްރެފިކްކުރުން ކަމުގައި ބެލެވޭ ބައެއް އަމަލުތަކުގެ ތެރޭގައި ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ބޭރު ގައުމަކުން ދިވެހިރާއްޖެއަށް ގެނައުން ނުވަތަ ބަދަލުކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ފޮނުވުން ނުވަތަ ބަދަލުކުރުން ހިމެނެއެވެ. އަދި ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުމުގެ މަގްސަދުގައި ކުޑަކުއްޖަކު ދިވެހިރާއްޖޭގެ އެއްތަނުން އަނެއްތަނަށް ބަދަލު ކުރުމާއި، ކުއްޖަކާ ހަވާލުވުން ނުވަތަ އޭނާގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި ވަޒީފާއަކަށް ނުވަތަ މަސައްކަތަކަށް ރެކްރޫޓްކުރުން ވެސް ހިމެނެނީ ކުޑަކުދިން ޓްރެފިކް ކުރުމުގެ ތެރޭގައެވެ.

މީގެ އިތުރުން އެ އިސްލާހުގައި މީހުން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ކުޑަކުދިން ޓްރެފިކްކުރަން ރޭވުމަކީ ނުވަތަ ޓްރެފިކްކުރަން އަމުރުކުރުމަކީ ކުށެއް ކަމުގައި ވަނީ ބަޔާން ކޮށްފައެވެ. އަދި ޓްރެފިކްކުރާ ފަރާތަކީ ކާކުކަން އަންގައިދޭ ލިޔުމެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ބަދަލު ކުރުމަކީ ވެސް ކުށެއް ކަމުގައި ބަޔާންކޮށްފައި ވެއެވެ. ހަމަ އެއާއެކު، މި ގާނޫނަށް ގެންނެވި އިސްލާހުގައި ބަޔާންކުރާ ގޮތުން މި ގާނޫނުގައި ބަޔާންކުރާ ކުށެއް ކުރުމަށް ބޭނުން ކުރި އަދި ކުށުގެ އަމަލުން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ކަމުގައި ބަޔާންކޮށްފައި ވެއެވެ.އަދި މިކަން ކުރުމަށް އަމަލު ކުރާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.