ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން، ކޮންޓްރޯލެއް ނެތި ފެތުރެމުންދާ އަވަށްޓެރި އިންޑިއާއިން މި ބަލީގައި މަރުވި މީހުންގެ އަދަދު، 2 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

ކޮވިޑް ޖެހިގެން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި މަރުވި 3000 އަށް ވުރެ ގިނަ މީހުންނާއެކު، އިންޑިއާއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު 201187 އަށް އަރާފައި ވާ ކަމަށް، އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާގެ ރެކޯޑް ތަކުން ދައްކައެވެ. ނަމަވެސް، ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ހަގީގީ އަދަދުތައް މިއަށްވުރެވެސް މައްޗަށް އެރުން އެކަށީގެންވެއެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން އިތުރު 360000 ސާމްޕަލެއް ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 18 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ.

އަވަށްޓެރި އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ "ކޮވިޑް ތޫފާނަކީ"، ބޮޑެތި އެއްވުންތަކާ، ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓްތަކުގެ އިތުރުން ވެކްސިން ރޭޓު ދަށްވުމުގެ ސަބަބުން ކުރިމަތިވެގެން އުޅޭ ހާލަތެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.

އިންޑިއާއަކީ ކޮވިޑް ޖެހިގެން 2 ލައްކައަށްވުރެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކުރި 4 ވަނަ ގައުމެވެ. އިންޑިއާގެ ކުރިއަށް މި ލިސްޓުގައި އޮތީ އެމެރިކާ، ބްރެޒިލް އަދި މެކްސިކޯއެވެ.