އަވަށްޓެރި އިންޑިއާއަށް މިހާރު ކުރިމަތިލާން ޖެހިފައިވާ "ކޮވިޑް ތޫފާނަކީ"، ބޮޑެތި އެއްވުންތަކާ، ހަލުވިކަމާއެކު ފެތުރޭ ވޭރިއަންޓްތަކުގެ އިތުރުން ވެކްސިން ރޭޓު ދަށްވުމުގެ ސަބަބުން ކުރިމަތިވެގެން އުޅޭ ހާލަތެއް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އަންގާރަ ދުވަހުވެސް އިންޑިއާއިން ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައި ވަނީ 3 ލައްކައަށް ވުރެ މަތިންނެވެ. މިއީ 3 ލައްކައަށްވުރެ މަތިން އެ ގައުމުން ކޮވިޑް ކޭސް ރިޕޯޓް ކުރިތާ، ވިދިވިދިގެން 6 ވަނަ ދުވަހެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ތާރިކު ޔަޝަރެވިޗް ވިދާޅުވީ، އިންޑިއާއަށް ބެނުންވާ އެންމެ ހައްސާސީ އާލާތްތައް އެ ޖަމިއްޔާއިން އެ ގައުމަށް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އިންޑިއާގެ މަސްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، މިވަގުތު އިންޑިއާއަށް ކުރިމަތިވެފައިވާ ކާރިސާގެ އެންމެ ބޮޑު އެއް މައްސަލައަކީ، އެކަށީގެންވާ ސައްހަ މައުލޫމާތު ލިބިފައި ނެތުމުގެ ސަބަބުން، ގިނަ ބަޔަކު ހޮސްޕިޓަލުތަކުގެ ކައިރީގައި ތޮއްޖެހުން ކަމަށެވެ. ޔަޝަރެވިޗް ވިދާޅުވީ، ހޮސްޕިޓަލުތަކަށް ދިއުމުގެ ބަދަލުގައި، ގޭގައި ފަރުވާ ދެވޭނެ ރައްކާތެރި ގޮތްތައް އެބަހުރި ކަމަށެވެ.

ކޮވިޑް-19ގެ ދެވަނަ ރާޅުގައި އިންޑިއާއިން މަރުވި މީހެއްގެ އާއިލާ މެންބަރަކު ހިތާމަފާޅު ކުރަނީ / ފޮޓޯ: އީޕީއޭ | ބީބީސީ

ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހެނީ އެންމެ 15 ވަރަކަށް ޕަސެންޓް މީހުން ކަމަށާ، މީގެ ތެރެއިން އޮކްސިޖަން ބޭނުންވާ މީހުންގެ އަދަދު އަދި އެއަށްވުރެވެސް މަދު ކަމަށް ޔަޝަރެވިޗް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ، ކޮމިއުނިޓީ ފެންވަރުގައި މަރުކަޒުތަކެއް ހަދާ، ޕޭޝަންޓުން ސްކްރީންކޮށް ޓްރައިއޭޖް އުސޫލުން ހޮސްޕިޓަލަށް ގެންދަން ޖެހޭ މީހުން ފާހަގަ ކޮށް، ގޭގައި ފަރުވާ ދެވޭނެ ރައްކާތެރި ގޮތްތައް، މީހުންނަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

ކޮންޓްރޯލެއް ނެތި އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރު ވަމުން އަންނައިރު، ސިއްހީ ހިދުމަތްތެރިންވަނީ މުޅިންހެން ވަރުބަލިވެފައެވެ. މިއާއެކު އަސްކަރިއްޔާއިން ވަނީ ކުރީ ސަފަށް ނިކުމެފައެވެ. އަދި އަސްކަރިއްޔާގެ ރިޒާވްގައި ހުރި އޮކްސިޖަން ސަޕްލައި ދޫކުރާން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވާތު ވަނީ ވިދާޅުވެފައެވެ.