ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޖަހާ ވެކްސިން ލިބިގަތުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ އަމާޒުގައި ކުރިއަށް ގެންދާ ކޮންސެޓްގައި، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާ، އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

އިންތިހާ ފަގީރު ކަމާ ދެކޮޅަށް މަސައްކަތް ކުރާ ގްލޯބަލް ސިޓިޒަންއިން އިންތިޒާމުކޮށް، ޒުވާން ޕޮޕް ސްޓާ ސެލީނާ ގޯމޭޒް ހޮސްޓް ކުރާ ވެކްސް ލައިވް އިވެންޓްގައި ހެރީއާއެކު އޭނާގެ އަންހެނުން އަދި މަޝްހޫރު ބަތޮލާ، މޭގަން މާކޭލްވެސް ބައިވެރިވާނެ ކަމަށް މައުލުމާތު ލިބެއެވެ.

އަންނަ އާދީއްތަ ދުވަހު، އެމެރިކާގެ ލޮސް އެންޖަލީސްގައި ރެކޯޑް ކުރުމަށް ހަމަޖެހިފައިވާ މި ކޮންސެޓް، ބްރޯޑްކާސްޓް ކުރުމަށް ތާވަލު ކޮށްފައި ވަނީ މެއި 8 ވަނަ ދުވަހަށެވެ.

ވެކްސް ލައިވް އިވެންޓަކީ، އެންމެނަށް އިންސާފުން ވެކްސިން ފޯރުކޮށްދިނުމަށް ސަރުކާރުތަކަށް ގޮވާލާ، ވެކްސިން ޑޯޒްތަކާ އިތުރު ވަސީލަތްތައް ހަދިޔާ ކުރުމަށް ބާރުދޭ އިވެންޓެކެވެ. އަދި ވެކްސިން ޑޯޒްތަކަށް ޑޮލަރު ހަދިޔާ ކުރުމަށް ވިޔަފާރިތަކަށްވެސް ބާރު އަޅާ ހަރަކާތެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި އިވެންޓްގައި، ޖެނިފާ ލޯޕޭޒް އަދި ފޫ ފައިޓާޒް ފަދަ ސެލެބްރިޓީންގެ ހުށަހެޅުންތައްވެސް ފެނިގެންދާނެއެވެ.

ދަ ރޯލިންގް ސްޓޯންސްގެ މެމްބަރުން އެމީހެއްގެ ގޭގައި ހުރެގެން ކޮންސެޓްގައި ބައިވެރިވަނީ/ފޮޓޯ: ގްލޯބަލް ސިޓިޒަން

ގްލޯބަލް ސިޓިޒަންއިން މިދިޔަ އަހަރުވެސް ވަނީ މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ވާޗުއަލް ޕްލެޓްފޯމްގައި މިދިޔަ އަހަރު ކޮންސެޓް ކުރިއަށް ގެންދިޔައީ ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.