އިންޑިއާގެ ވެރިކަން ކުރަމުން އަންނަ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ)ގެ ކޮންޓްރޯލް އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓުން ހޮސްޕިޓަލު އެނދާއި، އޮކްސިޖަން ސަޕްލައި ހުސްވާ ކަމަށް ރިޕޯޓް ކުރާ ވަކިވަކި ފަރުދުންނާ ހޮސްޕިޓަލުތައް ހޯދާ، އެފަދަ ފަރާތްތަކަށް އަދަބު ދިނުމުގެ އަމުރެއް، އެ ސްޓޭޓްގެ ސަރުކާރުން ނެރެފައި ވާ ކަމަށް، އިންޑިއާގެ މީޑިއާގެ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އުއްތަރަ ޕްރަދޭޝްގެ ހުދުމުހުތާރު ޗީފް މިނިސްޓަރު، ހިންދޫ ފާދިރީ ޔޯގީ އަދިއްތިޔަނާތު ވަނީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ މި ދަނޑިވަޅުގައި ބިރާއި ހާސްކަން އުފައްދަން މަސައްކަތް ކުރާ ކޮންމެ މީހަކާ ދެކޮޅަށް، ނޭޝަނަލް ސެކިއުރުޓީ އެކްޓް (އެންއެސްއޭ) އަދި ގޭންގްސްޓާ އެކްޓް ތަންފީޒު ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އަދިއްތިޔަނާތު ވަނީ، އިޖުތިމާއީ ރޫހާ ހިލާފަށް، ސޯޝަލް މީޑިއާގައި ތޯތޯ ވާހަކަތަކާ ޕްރޮޕަގަންޑާ ފަތުރާ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ ތަކެތި، ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ނަގާނެ ކަމަށް ބުނެފައެވެ. މިއީ އިންޑިއާގައި ޖިނާއީ ކުށްވެރިންނާ މެދު ކުރިން އަމަލު ކުރަމުން ދިޔަ ގޮތެއް ނަމަވެސް، އަދިއްތިޔަނާތުގެ ވެރިކަމުގައި މިކަން ދަނީ އާންމު ވަމުންނެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން އަދިއްތިޔަނާތު ވަނީ، ހޮސްޕިޓަލު އެނދާ، އޮކްސިޖަން އަދި ފުރާނަ ސަލާމަތް ކުރުމާ ގުޅިފައިވާ ބޭސްވެރިކަމުގެ ސަމާނުގެ ސަޕްލައިގައި ދަތިކަމެއް ނެތް ކަމަށެވެ. އެގޮތުން، އޭނާގެ ސަރުކާރުން އުއްތަރަޕްރަދޭޝްގައި 32 އޮކްސިޖަން ޕްލާންޓް ގާއިމު ކޮށްފައި ވާނެ ކަމަށް ބުނެ، އަދިއްތިޔަނާތު ވަނީ ދިފާއަށް ކުޅެފައެވެ.

ނަމަވެސް، އިންޑިއާގެ މަސްރަހުން ފެންނަނީ ތަފާތު މަންޒަރެކެވެ. އުއްތަރަޕްރަދޭޝްއިން އެކަނިވެސް ދުވާލެއްގެ މައްޗަށް 30000 އެއްހާ ކޭސް ރިޕޯޓް ކުރަމުން ދާއިރު، ހޮސްޕިޓަލުތަކާ، ގަބުރު އަންދާ ތަންތަން ވަނީ، ޕޭޝަންޓުންނާ ގަބުރުތަކުން ފުރިފައެވެ. އަދި އޮފިޝަލުން ވަނީ ދިޔާ އޮކްސިޖަން ސަޕްލައި ހީނަރުވެފައި ވާކަމަށް ވިދާޅުވެފައެވެ.

އިންޑިއާއަށް ކުރިމަތިވެފައިވާ ދަތިތަކުގެ ވާހަކަތައް އާންމު ކުރަ ފަރާތްތައް ހޯދުމަށް، ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ މައި ސަރުކާރުންވެސް އަންގާފައި ވާކަމުގެ ހަބަރުތަކެއް ވަނީ ފެންމަތިވެފައެވެ. މީގެ އިތުރުން އިންޑިއާގެ ސަރުކާރުން ވަނީ، އެ ސަރުކާރުން ކޮވިޑަށް ދޭ އިޖާބައަށް ފާޑުކިއުންތައް އަމާޒުވާ ގޮތަށް އެ ޕްލެޓްފޯމަށް ދޫކުރާ ޓްވީޓްތައް ޑިލީޓް ކުރުމަށް، ޓްވިޓާއަށް އަންގާފައެވެ.