ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓެއް ސްރީލަންކާގައި ފެތުރެމުން ދާ ކަމަށާ، މި ވޭރިއަންޓަކީ އިންތިހާ ހަލުވި މިނުގައި ބަލި ފަތުރާ ވޭރިއަންޓެއް ކަމަށް ސްރީލަންކާއިން ރިޕޯޓް ކޮށްފިއެވެ.

ސްރީލަންކާގެ ސްރީ ޖާޔާވަރުދަނަޕޫރާ ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް އިމިއުނޮލޮޖީ އެންޑް މޮލެކިއުލާ ސައެންސަސްގެ އިސްވެރިޔާ ނީލިކާ މަލަވިގެ ވިދާޅުވީ، އެ ގައުމުން ފެނިފައިވާ އާ ވޭރިއަންޓް ޖައްސާ ވައިރަހަކީ، ވައިގެ ތެރޭގައި 60 މިނެޓް ނުވަތަ ގަޑިއެއްހާއިރަށް ހަރުލާ ހުންނަ ވައިރަހެއް ކަމަށެވެ.

ވައިގެ ޒަރިއްޔާއިން ފެތުރޭ މި ވޭރިއަންޓަކީ، މިހާތަނަށް ލަންކާއިން ފެނިފައިވާ ވޭރިއަންޓުތަކާ ހިލާފު ހަލުވި މިނެއްގައި ފެތުރޭ ވޭރިއަންޓެއް ކަމަށްވެސް މަލަވިގެ ވިދާޅުވިއެވެ.

ޒުވާނުންގެ މެދުގައި ހަލުވިކަމާއެކު މި ވޭރިއަންޓް ފެތުރެމުން ދަނީ، ހުސްވި ހަފުތާގައި ސްރީލަންކާގައި ފާހަގަކުރި އާ އަހަރުގެ މުނާސަބާއަށް ފަހުގައި ކަމަށް ސިއްހީ ދާއިރާގެ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ސްރީލަންކާގެ ޕަބްލިކް ހެލްތު އިންސްޕެކްޓާޒް ޔުނިޓްގެ އުޕުލް ރޮހާނާ ވިދާޅުވީ، ކުރިއަށް އޮތް 2 އިންކިއުބޭޝަން މުއްދަތަށް ބަލާއިރު، 3 ވަނަ ރާޅަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. ރޮހާނާ އިތުރަށް ވިދާޅުވީ، ހަގީގީ މަންޒަރު ފެންނާނީ އަދި 2-3 ހަފުތާ ފަހުން ކަމަށެވެ.

އޭޕްރިލް މަހުގެ މެދަކާ ޖެހެންދެން ސްރީލަންކާއިން ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް ރިޕޯޓް ކުރަމުން ދިޔައީ 150 އެއްހާ ކޮވިޑް ކޭހެވެ. ނަމަވެސް، އޭޕްރިލް މަހުގެ މެދުތެރެއިން ފާހަގަ ކުރި އާ އަހަރުގެ މުނާސަބާއާއެކު، މިހާރު ދުވާލެއްގެ މައްޗަށް 600 އަށްވުރެ ގިނަ ކޭސް ރިޕޯޓް ކުރެއެވެ.

ސްރީލަންކާގެ އޮފިޝަލުންވެސް ވަނީ، އެގައުމުގެ ސިއްހީ ކެޕޭސިޓީއަށް އެކަށީގެން ނުވާ މިންވަރަށް ކޭސް އިތުރު ވަމުން އަންނަ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ލަންކާގައި ކޮވިޑް ކޮންޓްރޯލް ކުރުމާ މަތިކޮށްފައި ވާ ވުޒާރާއިން ވަނީ، މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ތަންފީޒު ކުރާނެ ގައިޑްލައިނެއްވެސް އާންމު ކޮށްފައެވެ. ސްރީލަންކާގެ ސަރުކާރުން ވަނީ ކޭސް އިތުރުވަމުން ދާތީ، ދައުލަތުގެ ފެންވަރުގަ އަދި ޕްރައިވެޓް ފެންވަރުގައި ބާއްވާ އިވެންޓްތަކާ ހަފުލާތައް ބޭއްވުން، 2 ހަފުތާއަށް މަޑުޖައްސާލުމަށްވެސް އަންގާފައެވެ.