މުނިފޫހިފިލުވުމުގެ ދާއިރާގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑްތަކުގެ ތެރޭގައި ގުނާލެވޭ އޮސްކަ އެވޯޑްސްގެ މިއަހަރުގެ ހަފުލާ މިއަދު ހެނދުނު ނިންމާލިއިރު، ގިނަ ބައެއްގެ ފާޑުކިއުންތައް އެ ޝޯއަށް އަމާޒުވެއްޖެއެވެ.

އާންމު ގޮތެއްގައި މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އޮސްކާ އެވޯޑް ޝޯގެ ވާހަކަތައް ގުގުމަމުން ދިޔަ ކަމުގައި ވީ ނަމަވެސް، މިފަހަރުގެ ޝޯ ނިމިގެން ދިޔައީ "ވައި ފޮޑިއެއް" ފަދައިން ކަމަށް ސިފަކުރާ މީހުންވެސް މަދެއް ނޫނެވެ.

ސްޓީވަން ސޯޑަބާގް ޕްރޮޑިއުސްކުރި މިއަހަރުގެ އޮސްކާ އެވޯޑް ހަފުލާއަކީ، އޮސްކާގެ ސަގާފަތުން ބޭރު އެތައް ކަމެއް ފެނުނު ޝޯއެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.

އެންމެ ފުރަތަމަ ކަމަކަށް ފާހަގަ ކުރަނީ، އާންމު ގޮތެއްގައި އެންމެ ފަހުން ދެމުން އަންނަ "ބެސްޓް ޕިކްޗާ" އޮސްކާ ނުވަތަ އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑް، އެންމެ ފަހުން ދިނުމުގެ ބަދަލުގައި، ފަހަތުން 3 ވަނައަށް ދިނުމުންނެވެ. މިކަން މިހެން ކޮށްފައި ވަނީ، އެންމެ ފަހުން ދިން "އެކްޓާ އިން އަ ލީޑިންގް ރޯލް"ގެ އޮސްކާ، ކެންސަރު ބަލީގައި މި ދުނިޔެ ދޫކުރި، އެމެރިކާގެ ކަޅު ނަސްލުގެ ބަތޮލް، ޗެޑްވިލް ބޯޒްމަންއަށް ދޭނެ ކަމަށް އެކަޑަމީއިން ލަފާ ކުރުމުން ކަމަށް ބެލެވެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޝުއޫރުތަކަށް ބަލާއިރު، ގިނަ ބަޔަކު އުއްމީދު ކުރަމުން ދިޔަ ގޮތަކީވެސް އެއީ ކަމަށްވެއެވެ. ނަމަވެސް ބޯޒްމަންއަށް އެ ޝަރަފު ދިނުމުގެ ބަދަލުގައި، މިއަހަރު އެންމެ ފަހު އެވޯޑެއްގެ ގޮތުގައި ދިން ބެސްޓް އެކްޓަރުގެ އެވޯޑް ދިނީ ފިލްމް "ދަ ފާދާ" އިން، އެންތަނީ ހޮޕްކިންސްއަށެވެ. އެވޯޑް ލިބެނީ ހޮޕްކިންސްއަށް ކަން އިއުލާން ކުރުމާއެކު މުޅި ޝޯއަށް ލިބުނީ ބޮޑު ސިހުމެކެވެ. މިއާއެކު ކުއްލި ގޮތަކަށް އިޝްތިހާރަށް ޝޯ މެދުކަނޑާލާ، ކްރެޑިޓްސް އަރުވަން ފެށިއެވެ.

މިއީ 2017 ވަނަ އަހަރަށް ފަހު، އޮސްކާ އެވޯޑްސް ޝޯއެއް ދުށް އެންމެ "ހައިޖާނު" ބޮޑު ޝޯ ކަމަށް ހިޔާލުފާޅު ކުރާ ފަރާތްތަކުން ބުނެއެވެ.

އޮސްކާ 2021ގައި އަހަރުގެ އެންމެ މޮޅު ފިލްމުގެ އެވޯޑް ގެންދިޔައީ ކްލޯއީ ޖާއޯ ޑައިރެކްޓްކުރި ފިލްމް، "ނޮމެޑްލޭންޑް"އެވެ. އަހަރުގެ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑްވެސް ގެންދިޔައީ ހަމަ މިފިލްމުންނެވެ. މީގެ އިތުރުން އެންމެ މޮޅު އެކްޓްރަސްގެ އެވޯޑް ލިބިފައިވަނީ ވެސް އެފިލުމުން ފްރޭންސިސް މެޑޯމަންޑަށެވެ.