ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ދައުލަތުގެ ފެންވަރުގައި އަދި ފަރުދީ (ޕްރައިވެޓް) ފެންވަރުގައި އެއްވުންތަކާ ހަފުލާތައް ނުބާއްވާން، ސްރީލަންކާގެ ސަރުކާރުން އަންގައިފިއެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ދައުލަތާ ޕްރައިވެޓް ހަފުލާތަކާ އެއްވުންތައް ބޭއްވުން، ކުރިއަށް 2 ހަފުތާއަށް މަޑުޖައްސާލުމަށް ސްރީލަންކާގެ ސަރުކާރުން ވަނީ އަންގާފައެވެ.

ސްރީލަންކާގެ ރައީސް އޮފީހުގެ މީޑިއާ ޔުނިޓުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ބައްދަލުވުންތަކާ ޕާޓިތަކާ ހަފުލާތައް ބޭއްވުން މަނާ ކޮށްފައި ވަނީ، ކަރަންޓީނު ގަވައިދުތަކުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން، މިމަހު ފަހުކޮޅު ޔުނިވާސިޓީތަކަށް ހާޒިރުވެގެން ކިޔެވުން ފެށުމަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް، އެކަންވެސް ފަސްކޮށްފައި ވާކަމަށް މައުލޫމާތު ލިބެއެވެ.

ސްރީލަންކާގެ ސިއްހަތާ ބެހޭ އިދާރާތަކުން ވަނީ، އެ ގައުމުގައި އާ ވޭރިއަންޓެއް ފެތުރެމުން އަންނަ ކަމަށާ، މި ވޭރިއަންޓް ހަމަލާ ދެނީ ޒުވާން މީހުންނަށް ކަމަށް ބުނެފައެވެ.

ސްރީލަންކާގެ ސަރުކާރުން ވަނީ، ލޮކްޑައުންގެ އަމުރު އިއުލާން ކޮށްފައި ނުވި ނަމަވެސް، ބޭރު ތެރޭގައި އުޅުން މަދުކޮށް، ވީ ވަރަކުން އެބައެއްގެ ގެތަކުގައި ތިބުމަށް ގޮވާލާފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުން މިހާތަނަށް 101379 ކޮވިޑް ކޭސް ފެނި، 642 މަރުގެ ކޭސް ވަނީ ރެކޯޑް ކޮށްފައެވެ. ސްރީލަންކާއިން އިއްޔެ ވަނީ 793 ޕޮޒިޓިވް ކޭހާ، 4 މަރުގެ ކޭސް ރެކޯޑް ކޮށްފައެވެ.